ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ތަސްމީން ސިންގަޕޫރުގެ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމެވިއިރު މާޗު 26، 2019 ގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަންކުރެއްވީ ތަސްމީނުގެ އަނބިކަނބަލުން ވިސާމް އަލީއެވެ. އެހެންނަމަވެސް މިދިޔަ އޭޕްރީލް މަހު ވިސާމް ވަނީ މެލޭޝިއާގައި ހުންނަ ސަފީރުގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ތަސްމީން ޑީއާރްޕީ ދޫކުރައްވާ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށެވެ. އޭނާ ވަނީ ކުރިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވައިފައެވެ.

ރައީސް ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން ހަމަޖައްސަން ނިންމާފައިވާ ކަމަށާއި މެލޭޝިއާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ހުސެއިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ، އަދި އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. ޝަހީބް މިވަގުތު ހުންނެވީ ސިންގަޕޫރު ސަފީރުގެ މަގާމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަތައް ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ފޮނުވަން ނިންމާފައެވެ.