މާލެއިން ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ނޫން އެހެން ރަށެއްގައި މީގެ ކުރިން ރަޖިސްޓްރީ ވެފައި ނުވާ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެ ގޮތުން މާލޭ މީހުންނަށް މީހުން ވަނީ ދަފްތަރުގައި ޖެއްސީމަތޯ އައްސަވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލޭގެ ރައްޔިތުން ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ މާލެ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ވެފައި ނުވާ ރައްޔިތުން ކަމަށެވެ.

"މާލޭގެ ރައްޔިތުން ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ އެއީ މާލެ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ވެފައި ނުވާ ރައްޔިތުންނޭ. އެއީއޭ މާލޭގެ ރައްޔިތުންނަކީ. އެ ޑެފިނިޝަންގެ ތެރެއިން ދާ ކަމަށް ވަންނާ ދަފްތަރުގައި ޖެހިފައި ތިބި މީހުން އެއީ މި ޕްރޮގްރާމްގައި މާލޭން ގޯތި ދޭ ފަރާތްތަކަކަށް ނުވާނެ. އެކަމަކު ދަފްތަރުގައި ޖެހިފައި ތިބޭ މީހަކަށް ލިބޭ ދަރިން މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނެތް ކަމަށް ވަންޏާ އެއީ މި ޕްރޮގްރާމްގެ ބޭނުމަށް ގޯތި ލިބޭނެ ފަރާތެއް." މުހައްމަދު އަސްލަމް

މީގެ ކުރިން މާލެ ދަފްތަރުގައި ޖެހިފައި ތިބޭ މީހުންނަށް ލިބިފައިވާ ދަރިން ދަފްތަރުގައި ޖައްސާފައިވާނަމަ އެމީހުންނަށް މާލެއިން ގޯތި ދޫކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެކަން ތަފްސީލް ކޮށްދެމުން އަސްލަމް ވިދާޅުވީ، ދަފްތަރުގައި ޖެހިފައި ތިބި މީހުން އެއީ މި ޕްރޮގްރާމްގައި މާލޭން ގޯތި ދޭ ފަރާތްތައް ނޫން ނަމަވެސް ދަފްތަރުގައި ޖެހިފައި ހުރި މީހަކަށް ލިބޭ ދަރިން މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނެތް ކަމަށް ވަންޏާ އެއީ މާލޭން ގޯތި ލިބޭނެ ފަރާތެއް ކަމަށެވެ.

ގޯތި ދިނުމުގައި އމަަލުކުރާ އުސޫލާ ބެހޭ ގޮތުން ތަފްސީލް ދެއްވަމުން އަސްލަމް ވިދާޅުވީ، ގާނޫނުގައި ބުނަނީ ގޯތި ދޭނެ ތަނެއް ކަނޑައަޅާފައި، ދޭނެ އަދަދެއް ކަނޑައަޅާފައި، ގޯތި ދޭނެ އުސޫލެއް އިއުލާން ކުރަން އޮންނަ ކަމަށެވެ. އެގޮތުން ރަށްރަށުގައި ގޯތި ދޫކުރުމުގައި ކައުންސިލްތަކުން އެކަން ކުރިއަށް ގެންދަނީ ވެސް އެފަދައިން ކަމަށާއި އެބީދައިން މާލޭގެ ރައްޔިތުންނަށް ވެސް ގޯތި ލިބިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލޭގައި ގޯތި ދޭނެ ތަނެއްގެ ގޮތުގައި މި ވަގުތު އޮތްތަނަކީ ހުޅުމާލެ ކަމަށާއި ބިމެއް ހިކިފަސްތަނެއް އޮތްތަނަކީ އެއީ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ޕްލޭންކޮށްގެން ގުޅީފަޅުގައި ބިން ހިއްކާ އެތަނުގައި ގޯތި ދިނުމަށް ވެސް މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފައި ވާއިރު މި މަހު ގޯތި ދޫކުރަން އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އޭގެ ތެރެއިން 3000 ގޯއްޗަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.