މަޖިދީމަގުގައި ހުންނަ ރެޑްވޭވް ސްޓޭޑިއަމް ފިހާރައިން ކޮފީ ޕެކެޓްތަކަކާއި ދެ ދަޅު ކިރު ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 9 ޖެހި އިރު އޭނާ ވަގަން ގެންދިޔައީ ކޯސްޓް ކެލްސިއަމް ބްރޭންޑްގެ 900 ގްރާމް ކުރުގެ ދެދަޅާއި ނެސްކެފޭ ކްލެސިކް ބްރޭންޑްގެ 500 ގްރާމްގެ ދެ ކޮފީ ޕެކެޓެވެ.

އޭނާގެ މައްޗަށް ދައުލަތުން ވައްކަމުގެ ދައުވާކޮށްފައި ވަނީ އެ ފިހާރައިގެ ރެކެއްގެ ބިތްދޮށުގައި ހުރެގެން އޭނާ ގެންގުޅުނު ރަތްކުލައިގެ ކޮތަޅަކަށް ކޯސްޓް ކެލްސިއަމް ބްރޭންޑްގެ 900 ގްރާމްގެ ދެ ކިރުދަޅަކާއި ނެސްކެފޭ ކްލެސިކް ބްރޭންޑްގެ 500 ގްރާމްގެ ދެ ކޮފީ ޕެކެޓު ލުމަށްފަހު ފައިސާ ނުދައްކައި ފިހާރައިން ނުކުންނަން އުޅުމުންނެވެ.

މި މައްސަލައިގައި ދައުވާ ރައްދުވައި ފަރާތުން ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އަދި މި މައްސަލަ ސާބިތުވީ އެ ވަގުތު ފިހާރައިގައި ތިބި ހަތަރު މީހުންގެ ހެކި ބަހުންނާއި އޭނާ ފުލުހުންނަށް ދިން އިއުތިރާފް ބަޔާނުން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ދިފާއަށް އޭނާ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މިހެން ކަމުން ކުށް ސާބިތުވި ކަމަށް ބަލާ ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.