ޖެނުއަރީ 6، 2021 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލް ބިލްޑިންގްގައި އާންމުންގެ ބަޔަކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޕެނަލުން ކުރިއަށް ގެންދާ އަޑުއެހުންތަކަކީ، އަދުލު އިންސާފަށް ޖަހާ ހަޖުލެއް ކަމަށް، ހަމަނުޖެހުންތައް ހިންގި އިރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި، އަދި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވި ކަމުގެ ތުހުމަތު އަމާޒުވާ މަހުޖަނު، ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ގާނޫނާއި ގަވައިދުތަކަށް ހުރުމަތެއް ނެތް ގޮތަށް ބަޔަކު ހަދައިގެން ހިންގާ ކޯޓެއްގެ އުސޫލުން މަޖިލީހުގެ އަޑުއެހުންތައް ކުރިއަށް ދާކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި މިހާރު ވެރިކަން ކުރަމުން ދާ ވެރިކަން ކުރަމުންދާ ޑިމޮކްރަޓުން އިސްވެ އޮތް ޕެނަލުގެ މަގުސަދަކީ، އެމެރިކާގެ ރައްޔިތުން ހަގީގަތުގައި އުފުލަމުންދާ ތަކުލީފުތަކުން އެހެން މިސްރާބަކަށް ސަމާލުކަން އަނބުރާލުން ކަމަށެވެ.

ޖެނުއަރީ 6، 2021 ވަނަ ދުވަހު އެމެރިކާގެ ރައްޔިތުން ކެޕިޓޮލް ސަރަހައްދަށް ޖަމާވީ، އިންތިހާބުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ކުށްތަކެއް ހިންގާފައި ވާ އިރު، ރައްޔިތުން އިންތިހާބު ކޮށްފައިވާ އޮފިޝަލުން ޖަވާބުދާރީ ކުރުވުމަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ނޮވެމްބަރު 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ޓްރަމްޕް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް އިންކާރު ކުރައްވާފައެވެ. އަދި އިންތިހާބުގައި އޮޅުވާލުންތައް ހުރި ކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޕެނަލުން ކުރިއަށް ގެންދާ އަޑުއެހުންތަކުގައި މިހާތަނަށް ދީފައިވާ ހެކި ބަހުގެ ބަޔާންތަކަށް ބަލާއިރު، ޓްރަމްޕްގެ ކެމްޕޭނުގައި 2 ފެކްޝަނެއް އޮތީ އުފެދިފައެވެ. އެއީ އިންތިހާބުގެ ނަތީޖާ ބަލައިގަތް ފެކްޝަނަކާއި، ބަލިވި ކަމުގައި ވީ ނަމަވެސް ކާމިޔާބު ވެއްޖެ ކަމަށް އިއުލާން ކުރުމަށް ޓްރަމްޕަށް ހިތްވަރު ދެމުން ދިޔަ ފެކްޝަނެކެވެ.