ޖޫން 16 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި ވާ ޑިޒްނީ އަދި ޕިކްސާގެ އެނިމެޓަޑް ކާޓޫން ފިލްމް "ލައިޓްއިޔާ"ގައި އެއް ޖިންސުން ގުޅުން ހިންގަން ހިތްވަރު ދޭތީ، އެ ތާރީހުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ފިލްމު ރިލީޒް ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް، ކާޓޫނުގައި ހިމެނޭ 2 އަންހެން ކެރެކްޓަރެއް ބޮސްދޭ މަންޒަރު، އެނިމެޓަޑް ފިލްމުގައި ހިމަނާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫއޭއީގެ މީޑިއާ ރެގިއުލޭޓަރީ އޮފީހުން ބުނީ "ލައިޓްއިޔާ" އަކީ ޔޫއޭއީގެ މީޑިއާ ކޮންޓެންޓް ފެތެންޖެހޭ މިންގަނޑުގެ ހުދޫދުން ބޭރުވެފައިވާ ފިލްމެއް ކަމަށާ، އެހެން ކަމުން އެ ގައުމުގައި އެ ފިލްމު ރިލީޒް ނުކުރާނެ ކަމަށެވެ.

"ލައިޓްއިޔާ" އަކީ މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި، ކުޑަކުދިންގެ ކާޓޫން "ޓޮއީ ސްޓޯރީ"ގެ ކެރެކްޓަރެއް ކަމަށް ވާ ބަޒް ލައިޓްއިޔާގެ ހަޔާތުގެ ވަހާކަތައް ގެނެސްދޭ ފިލްމެކެވެ.

"ލައިޓްއިޔާ"އަކީ މިފަދަ މައްސަލައެއްގައި ޔޫއޭއީއިން މަނާ ކުރި ފުރަތަމަ ފިލްމެއް ނޫނެވެ. އޭޕްރިލް މަހު ރިލީޒް ކުރި 'ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" ވެސް މަނާ ކޮށްފައި ވާ އިރު، ސައުދީ އަރަބިއްޔާއިން ވަނީ "އެޓާނާލްސް" އަދި "ވެސްޓް ސައިޑް ސްޓޯރީ" ފަދަ ފިލްމުތަކުގެ ރިލީޒްވެސް މަޑުޖައްސާލާފައެވެ.