ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް ގިނަވަމުންދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ.
އެޗްޕީއޭއިން ބުނީ، އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެ ދިޔަ ހަފްތާގައި އެކަނި 142 ކޭސް ވަނީ ފެނިފައި ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރު ވުމެއް ކަމަށެވެ. މިއާއެކު، ސާމްޕަލް ޕޮސިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައި ވަނީ މުޅިއެކު 15 މީހުން ކަމަށާއި ނަމަވެސް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންކަމުން ކޮވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެެވެ. އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުމަށާއި، ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކާއި ބަލީގެ ސަބަބުން ނުރައްކާ ވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި އާއި އެތަންތަނަށް ޒިޔާރަތްކުރާ އިރު މާސްކް އެޅުމަށް އެޗްޕީއޭއިން ބުނެއެވެ.
ހަމައެއާއެކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީޢޭއިން ބުނެއެވެ. އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.