ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެ ހެކިތައް ބަލައިގަތުމަށް ހައި ކޯޓުން އަންގައިފިއެވެ.

އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ހުށަހެޅި 44 ހެއްކެއް ބަލައިނުގަތުމަށް އެ ކޯޓުން މިދިޔަ މަހު ނިންމީ އެ މައްސަލާގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅުމުންނެވެ.

އެ ނިންމުންތައް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ހެކި ބަލައިނުގަތުމަށް ނިންމާ ނިންމުމަށް ވާސިލްވި ގޮތެއް ފަނޑިޔާރު ބުނެދޭން ޖެހޭއިރު ކްރިމިނަލް ކޯޓުގެ ނިންމުމުން އެކަން އެނގެން ނެތް ކަމަށެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ:

  • ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
  • ކ. މާލެ، ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމް
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް

ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަހިއްޔު އާއި ރ. އިންގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލާގައި ހިމެނޭ 10 މީހުންނަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.