ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާ ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގު ކުރައްވައިފިއެވެ.
އިސްގާޒީ ޝަކީލާއި، ހިސާންގެ އިތުރުން، ޖޭއެސްސީގެ މެންބަރެއް ކަމަށްވާ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިދިޔަ އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ބައްދަލު ކުރިކަމަށް ބުނެ، ޓްވީޓްކޮށްފައި ވަނީ ސަންގު ޓީވީންނެވެ. ޖޭއެސްސީން ވަނީ ސަންގު ޓީވީގެ އެ ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ވެސް ނެރެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، އިސްގާޒީ ޝަކީލާއި ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ، ދަންވަރު ވަގުތުގައި އެއްވެސް ބޭފުޅަކާ ބައްދަލު ކުރުމުގެ ފުރުސަތެއް ދީފައިނުވާނެ ކަމަށާއި، ހިސާނާއި ޝަކީލް ބައްދަލު ކުރެއްވި ވާހަކައަކީ ދޮގެއް ކަމަށެވެ.
"އަޅުގަނޑު ވެސް ދެކޭގޮތުގައި މި ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އެއްވެސް ފަރާތަކަށް ފައިދާ ހުރި މަސްލަހަތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ
އެކަން ދޮގުކޮށް ނެރުނު ބަޔާނުގައި ޖޭއެސްސީން ބުނީ، ހިސާނާއި ރިއްފަތު އިސްގާޒީ ޝަކީލާއި ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ފަތުރަމުންދާ ވާހަކަ ދޮގު ކުރާ ކަމަށެވެ. އަދި އެ ކޮމިޝަންގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން ކަމާ ބެހޭ އިދާރާތަކަށް އެ މީޑިއާގެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.