ގައުމީ ފެރީ ނިޒާމް، ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ހިދުމަތް ލިންކް (އާރްޓީއެލް) އެކު ދަތުރުވެރިން ވާރެއާއި އަވީގައި ދެން ތިބެން ނުޖެހޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު އާރްޓީއެލް އިފްތިތާހުކުރުމާ ގުޅިގެން އާޒިމް ވިދާޅުވީ އެ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި މިއަދަކީ އެ ވައުފު ފުދިގެންދާ ދުވަސް ކަމަށެވެ. އަދި އެ ވައުދަކީ ދިވެހި ރައްޔިތުން އެއްތަނުން އަނެއް ތަނަށް ހިތް ފަސޭހަ ކަމާއެކު ދަތުރުކުރުމުގެ ނިޒާމެއް ގާއިމު ކޮށްދިނުމަށް ވެފައިވާ ވައުދު ކަމުގައި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ އެ ވައުދު ފުއްދުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްދެއްވީތީ ރައީސްއަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި އެ މަސައްކަތް ކުރެވިގެން ދިޔައީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޓީމާއި ޕްލޭނިން މިނިސްޓަރާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ފިނޭންސް މިނިސްޓްރު އަދި ހާއްސަކޮށް ޕްލޭނިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަން ލިބުނު ކަމަށާއި އެ ފަރާތްތަކަށް ހާދަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
އޭގެ އިތުރުން އެލްޖީއޭއާއި ކައުންސިލްތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އައި އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށްވެސް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެ ޕްރޮޖެކްޓަކީ 800 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެއް ކަމަށާއި ނިމޭއިރު 80 އަށް ވުރެ ގިނަ ލޯންޗު ހިމެނޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް އެޅިގެން ދާނެ ކަމުގައި އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ދެން ވާރޭއާ އަވީގައި ދަތުރުވެރިން ތިބެން ނުޖެހޭނެ ކަމަށާއި ކޮންމެ ރައްޔިތަކީވެސް ހިޔަލުގައި ތިބޭ ބަޔަކަށް ވެގެންދާނެ ކަމަށެވެ.
އާރްޓީއެލް ފެރީއިން ދަތުރުކުރުމަށް އާރްޓީއެލް ކަސްޓަމާ ޕޯޓަލް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެއެވެ. އަދި ކޮންމެ ބޮޑު މީހަކާއެކު 3 އަހަރުން ދަށުގެ ކުއްޖަކަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވެއެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.