އިމާމުންނާއި ޚަޠީބުންނަކީ ގާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ގާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބްކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއް ކުރާއިރުވެސް ގުރުބަނީތަކެއް ވާންޖެހޭ ކަމަށާއި ގުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެ ކަމަށެވެ. މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެފަދަ ގުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެ ކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވި ފަރާތްތައްވެސް އެފަރާތްތަކުގެ ވަގުތުތައް އެކަމަށްޓަކައި ހުސްކޮށް އެކަމަށް ސަމާލުކަންދީ އަދި ތިމާވެސް އުނގެނެން ޖެހޭކަން، ކުރިއަށްދާން ޖެހޭކަން، އެފަދަ އިޙްސާސުތަކެއްވެ އެވަރަށް ވަގުތު ދެވިއްޖެނަމަ ނަތީޖާ ހާސިލްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެފަރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި އެގޮތަށް ކުރިއަށް ދާން ތިބިކަމުގައިވާނަމަ އެ ފަރާތްތަކަކީ ރަނގަޅު، ގާބިލް، ހުނަރުވެރިބަޔަކަށް ހަދަން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިމާމުންނާއި ހަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާކަމަށާއި އެހެންކަމުން އެ ފަރާތްތައް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށެވެ.

ފުވައްމުލައް ސިޓީގައި އިމާމުންނާއި ހަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ތަޖުވީދު، ހުކުރު ގަވައިދާ އުސޫލު، ސިވިލް ސާވިސްގެ ގަވައިދާ އުސޫލު، މަސައްކަތުގެ އަހްލާގާއި އެހެން މީހުންނާއި މުއާމަލާތްކުރުން، ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެގޮތްތަކާ ބެހޭގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.