ވެރިކަން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އެހީ ހޯއްދެވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ކުއްލިގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާސިމް އާ ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގަތުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

މިގޮތުން އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށާއި ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުމެވެ.

އެކަމާ ގުޅިގެން މޫޫސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ގާސިމްގެ އަރިހަށް ނަޝީދު ވެސް ވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު ނަޝީދަށް ވެރިކަން ހޯދައިދޭން ވެގެން ރައީސް ސޯލިހުގެ އަތްޕުޅަށް ޗެކެެއް ދެއްވުމަށްފަހު ގާސިމްގެ ގެ، މާފަންނު ވިލާއަށް ފޮނުއްވި ކަމަށް ގާސިމް ޓީވީގައި ވިދާޅުވި އަޑު އެއްސެވި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސާ އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ނަޝީދު ގުޅުއްވަންވެސް ގުޅުއްވި ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އިންތިހާބު ކާމިޔާކު ކުރަން ބޭނުން ނަމަ އެމަނިކުފާނަކީ 2023ގެ ޗޮއިސް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މާމިގިއްޔަށް ވަޑައިގަތުމާއެކު ރައީސް ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމަށް، ހުށައަޅުއްވާފައިވާ ކަމުގެ އަޑުތައް ގަދަވި ނަމަވެސް ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވަނީ އެކަން ދޮގުކުރައްވާފައެވެ.