ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަކަށް ކުރީގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް އިންތިހާބުކޮށް، ނައިބު ރައީސަކަށް ގާނޫނީ ވަކީލް މިޒްނާ އަހްމަދު އިންތިހާބުކޮށްފިއެވެ.

އިއްޔެ ބޭއްވި ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވާފައިވަނީ އެ ކައުންސިލްގެ އޮފީހުގެ އިތުރުން އޮންލައިންކޮށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އިންތިހާބު ހަވީރު 3 ޖެހުމާ ހަމައަށް ކުރިއަށް ދިޔައެވެ.

އެ އިންތިހާބުގައި ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާފައި ވަނީ ވިޝާމްގެ އިތުރުން، "ފައިސަލް އެންޑް ކޯ އެލްއެލްޕީ"ގެ މެނޭޖިން ޕާޓްނަރު މުހައްމަދު ފައިސަލެވެ. އެ ކައުންސިލްގެ ރައީސް ކަމަށް ވިޝާމް އިންތިހާބުވެ ވަޑައިގަތީ 270 ވޯޓު ހޯއްދަވައިގެންނެވެ. ފައިސަލަށް ލިބިވަޑައިގަތީ 182 ވޯޓެވެ.

ނައިބު ރައީސް ކަމަށް ވާދަ ކުރެއްވީ "އެސް އެންޑް އޭ ލޯޔާޒް އެލްއެލްޕީ"ގެ ސީނިޔާ ޕާޓްނަރު ކަމަށްވާ މިޒްނާ އަހްމަދު އެކަންޏެވެ. އެހެންކަމުން އޭނާ ހޮވުމަށް ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. ނައިބު ރައީސް ކަމަށް މިޒްނާ ހޮވުމަށް ފެންނަ ކަމަށް 281 ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 156 މެންބަރުންނެވެ.

އޭގެ އިތުރުން، ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އަށް ހަ މެންބަރުން އިންތިހާބުކުރަން ޖެހެއެވެ. ނަމަވެސް އެ މަގާމުތަކަށް ކުރިމަތިލެއްވީ ފަސް ވަކީލުންނެވެ. އޭގެ ތެރެއިން ތިން ވަކީލުން ހޮވުމަށް ފެންނަ ކަމަށް ގިނަ މެންބަރުން ވޯޓު ދީފައިވާއިރު، ދެ ވަކީލަކު ހޮވުމަށް ނުފެންނަ ކަމަށް ވަނީ ވޯޓު ދީފައެވެ.

އެގޮތުން، ހިންގާ ކޮމިޓީއަށް އިންތިހާބުކުރި ތިން ވަކީލުންނަކީ:

  • ކުރީގެ އެޓާނީ ޖެނެރަލް އަހްމަދު މުއިއްޒު
  • އިބްރާހީމް ޝަމީލް
  • ސާދިހު ނަސީރު

ހިންގާ ކޮމިޓީއަށް ކުރިމަތިލެއްވި ދެ ވަކީލުން ކަމަށްވާ އަލީ ސައީދާއި ނަސްރުﷲ މުސްތަފާ އިންތިހާބުވެ ވަޑައެއް ނުގަންނަވައެވެ.

ވުމާއެކު، ބާކީ ތިން މެންބަރުން ހޮވުމަށް އިންތިހާބެއް އަލުން ބާއްވަން ޖެހޭއިރު، އެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ބާ ކައުންސިލްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައެވެ. އެ ކައުންސިލްގެ މިހާރުގެ ރައީސަކަށް ހުންނެވީ މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމުގައި ހުންނެވީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.