ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިނަރެސް ފްލެޓްތަކަކީ މަހަކު 7000 ރުފިޔާގެ ކުއްޔަކަށް ދޭން ނިންމާފައިވާ ފްލެޓްތަކެއް ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ވިނަރެސް ފްލެތްތަުގެ މައުލޫމާތު ހިއްސާކޮށް އެ ފްލެޓްތައް އާންމުންނަށް ދައްކަން ހުޅުވާލުމުން ފްލެޓްތައް ބަލައި އެތަނުގެ އަގާ ބެހޭ ގޮތުން އާންމުން ޝަކުވާ ކުރަމުން ދާތިއެވެ. މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިން މަޝްރޫ މި ސަރުކާރުން ވަނީ 1340 އަށް މަދުކޮށްފައި ކަމަށެވެ.

އަދި "ވިނަރެސް" ގެ ނަން ދީ އަތް ނުފޯރާހާ އަގުބޮޑުކޮށް އެ ފްލެޓްތައް ވިއްކަމުންދާ ދިޔުން ބަދަލު ކުރުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެއް ގޮތަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ފުރަތަމަ އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމަންޓަކަށް ވެސް 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.