މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގައި ހުރި ކޮންޓެއިނަރެއްގެ ތެރެއިން ދެ ޕެލެޓް މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންނާއި ކަސްޓަމްސް ސާވިސް އާ ގުޅިގެން އެމްޕީއެލްގައި ހުރި ކޮންޓެއިނަރެއް ބަލައި ފާސްކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެއްޗާ ބެހޭ ގޮތުން އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މިދިޔަ ބުދަ ދަވަހު ރާއްޖެ ގެނައި ކޮންޓެއިނަރެއް ކަމަށާއި އޭގައި ހުރީ ޓޮމާޓޯ ޕޭސްޓާއި، ނަޓެއްލާ ފަދަ ދަޅު ކާނާގެ ބާވަތްތަކެކެވެ. އަދި އެ ބަލައި ފާސްކޮށްފައި ވަނީ ކަސްޓަމްސްގެ އިންޓެލިޖަންސަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން އެ ކޮންޓެއިނަރު ބަލައި ފާސްކުރަން ފަށާފައި ވަނީ އިއްޔެއެވެ. އަދި އެއިން ދެ ޕެލެޓްގެ ޑްރަގްސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކޮންޓެއިނަރުން މަސްތުވާތަކެތި ހޯދި އިރު، ރާއްޖެއަށް އެކި ގޮތްގޮތަށް އެތެރެ ކުރާ މަސްތުވާތަކެތި ފުލުހުންނާއި ކަސްޓަމްސް އިން ދަނީ އަތުލަމުންނެވެ. އެ ގޮތުން އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މީހަކު އިއްޔެ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އަތުލައި ގެންފައެވެ.