އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ ސްރީލަންކާގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައި ވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ މިހާރުން މިހާރަށް ބޭނުންވާ އެހީގެ ގޮތުގައި 47.2 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް އދއިން ގޮވާލައިފިއެވެ.

އދގެ ޓީމެއް މިހާރު ދަނީ ސްރީލަންކާގައި ހަރަކާތްތެރިވަމުންނެވެ. އަދި ސްރީލަންކާގެ ސަރުކާރު ހިއްސާ ނުވާ ޖަމިއްޔާ (އެންޖީއޯ)ތަކާ ގުޅިގެން، އިންސާނީ އެހީގެ ޕްލޭނެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވަނީ ލޯންޗް ކޮށްފައެވެ. ޕްލޭން ލޯންޗް ކުރުމަށް ފަހު އދއިން ވަނީ މި ހިނގާ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހޭދަ ވާ 4 މަހެއްހާ ދުވަހަށް ބަހާލައިގެން، އެހީގެ ގޮތުގައި 47.2 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ސްރީލަންކާ ސަރުކާރުން މީގެ ކުރިން ވަނީ އދއިން އެހީގެ ކަންކަން ރާވަމުން ދާ ކަމަށް އިއުލާން ކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އދ މެދުވެރިކޮށް ސްރީލަންކާއަށް ލިބޭ އެހީއިން ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ސިއްހީ ބޭސްފަރުގާ އިތުރުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ދާއިރާއަށެވެ. މީގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުމާއި ކުއްލި ހާލަތުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމަށް އެ ފައިސާ ހަރަދު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމާއި ތަރައްގީގެ އެކި މަޝްރޫއުތަކުގައި ސްރީލަންކާއާ ބައިވެރިވާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެ ގައުމުގައި މިހާރުން މިހާރަށް، ފުރާނަ ސަލާމަތް ކުރުމަށް އެހީ ބޭނުންވެފައިވާ 5.7 މިލިއަން އަންހެނުންނާއި ކުޑަ ކުދިންގެ ފިރިހެނުން އެބަތިއްބެވެ.

ބުރާސްފަތި ދުވަހު ލޯންޗްކު އެހީގެ ޕްލޭންގެ ދަށުން، އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އާންމު ދިރިއުޅުމުގެ ކަންކަމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ސިއްހީ ފަރުވާ ލިބިގަތުމުގައި އެންމެ ނުރައްކާ ބޮޑުވެފައިވާ މީހުންނަށެވެ.

ސްރީލަންކާގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓަރު، ހަނާ ސިންގަ-ހަމްދީ ވިދާޅުވީ މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ބައެއް އާއިލާތަކަށް ޒަރޫރީ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސޭނެ ގޮތްވެސް ނުވާނެކަމަށެވެ. އަދި އަހަރު ފަހުކޮޅު، އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހޭ ޖެހުމަކުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓުގެ އެންމެ މަތީ ގިންތީގައި އިރެއްގައި އޮތް ސްރީލަންކާ މިއަދު ވަނީ މާލީ ހީނަރުކަމާއި އިގުތިސޯދީ ހީނަރު ކަމުގެ ފުން އަނދަވަޅަކަށް ވެއްޓި، ބައިނަލްއަގުވާމީ އެހީއަށް އިންތިހާއަށް ބޭނުން ޖެހިފައެވެ. ބާޒާރުތަކުގައި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ކާބޯތަކެއްޗަށް އެކަނި ބެލި ކަމުގައި ވީ ނަމަވެސް މެއި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 57.4 ޕަސެންޓްގައެވެ. ޒަރޫރީ ކާބޯތަކެތީގެ އިތުރުން ކައްކާ ތެލާއި ދަތުރުފަތުރަށް ބޭނުންވާ ތެލުގެ ސަޕްލައިވެސް އިންތިހާއަށް ހީނަރެވެ.

ސިއްހީ ބޭސްފަރުވާއަށް ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ސްރީލަންކާއިން ޒަރޫރީ ބޭހުގެ 200 ބާވަތެއް ހުސްވެފައި ވާ އިރު، ކުރިއަށް ދެތިން މަހެއްގެ ތެރޭގައި އިތުރު 163 ބާވަތެއް ލިބުން އިންތިހާއަށް ދަތިވެގެން ދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ މި ދަނޑިވަޅުގައި އެކި ގައުމުތަކުން ސްރީލަންކާއަށް އެހީ ފޯރުކޮށްދެމުން ދާއިރު، ދިވެހިރާއްޖޭގެ ފަރާތުން އެފަދަ އެހީއެއް ރަސްމީ ސިފައެއްގައި ފޯރުކޮށްދޭތޯ ބެލުމަށް، ދަ ޕްރެސްއިން ތަކުރާރުކޮށް ދިވެހި ފޮރިން މިނިސްޓްރީއާއި ސުވާލު ކުރުމުންވެސް ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.