އެމެރިކާގެ ޓެކްސަސްގައި މީގެ 40 އެތައް އަހަރެއް ކުރިން، ގާތިލެއްގެ ޝިކާރައަކަށްވި ދެމަފިރިންގެ ދަރިފުޅު ނުވަތަ މީޑިއާގައި ދެވުނު ނަމުން ދަންނަވަނީނަމަ "ބޭބީ ހޮލީ"، ހެޔޮ ހާލުގައި ހުއްޓާ ފެނިއްޖެއެވެ.

1981 ވަނަ އަހަރުގެ ގަތުލު ސީންގައި "ބޭބީ ހޮލީ" ނެތެވެ. އެ ދެމަރިފިންގެ ޑީއެންއޭއިން، އެއީ ކޮން ބައެއްކަން ދެނެގަނެވުނީ 2021 ވަނަ އަހަރުއެވެ.

ޓެކްސަސްގެ އޮފިޝަލުން ވިދާޅުވީ، "ބޭބީ ހޮލީ" ހެޔޮ ހާލުގައި ހުރީތީ އުފާ ކުރާ ކަމަށާ، ނަމަވެސް އޭނާގެ މައިންބަފައިންގެ މަރުގެ ކޭސް އަދިވެސް ކޮޅެއްގައި ޖެހިފައި ނުވާ ކަމަށެވެ.

ޓީނާ ގެއިލްއާއި ހެރޯލްޑް ޑީން ޖޫނިއާގެ ހަށިގަނޑުތައް، ޖަންގައްޔެއްގެ ތެރެއިން ފެނުނީ، އެމީހުން ފްލޮރިޑާއިން ޓެކްސަސްއަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ހަށިގަނޑުތައް ފެނުނުއިރު، އެމީހުންގެ މަރަކީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ކުރި ކަމެއް ކަމަށް ވަނީ ބަލާފައެވެ.

"ބޭބީ ހޮލީ" ކްރޯސްގެ އުމުރުން މިހާރު 42 އަހަރު ފުރިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. "ބޭބީ ހޮލީ" އަށް މަންމަ ކިއާ 5 ދަރިންވެސް އެބަތިއްބެވެ. ނަމަވެސް އޭނާގެ ޒާތީ ސިއްރު ހިފެހެއްޓުމަށްޓަކާ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

"ބޭބީ ހޮލީ"އަށް އޭނާގެ ނަސްލުގެ އަސްލު އެންމެ ފުރަތަމަވެސް އެނގުނީ މިދިޔަ އަންގާރަ ދުވަހުއެވެ. ދުނިޔޭގައި ހުރި ނަމަ، އެ ދުވަހަކީ އޭނާގެ ބައްޕަގެ 63 ވަނަ އުފަންދުވަހެވެ.

"ބޭބީ ހޮލީ"، ކުޑަ އިރު، އޭނާ ފައްޅިއަކާ ހަވާލު ކުރީ 2 އަންހެނަކު ކަމަށްވެއެވެ. އަދި ފަހުން އޭނާ ބެލި މީހުންނަކީ، އުފަން މަންމައާއި ބައްޕަގެ ގާތިލުން ކަމަށް ޝައްކު އުފައްދާފައެއް ނުވެއެވެ.

އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ "ބޭބީ ހޮލީ"ގެ މައިންބަފައިންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެ މަރުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި، ޓެކްސަސްގެ އެޓާނީ ޖެނެރަލް އޮފީހަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.