ތޮއް ޖެހިފައިވާ މާލޭގައި އުޅޭ ދިވެހިން ތަހައްމަލު ކުރަމުންދާ އެތައް އުނދަގޫތަކަކަށް ލުއިތަކެއް ލިބިގެން ދިއުމަކީ މިއަދު މާލޭގައި ދިރިއުޅޭ ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއްކަން ޔަގީނެވެ. މާލޭގައި ދިރިއުޅުމުގައި ދަތިތަކެއް ހުރި އިރު ޓްރެފިކް އަކީ ވެސް މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މާލޭގައި އެންމެ ބިޒީ ވަގުތުތަކުގައި ދުއްވާ އެއްޗެއްގައި ދިއުމަކީ މިހާރު ބޮޑު ތަކުލީފެއް ކަން އެންމެން ވެސް ގަބޫލު ކުރާނެއެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން މާލެ ރައްޔިތުންނަށް އެތައް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދޭނެ ކަމަށް ވައުދުވީ ނަމަވެސް އެ މަސައްކަތުގެ ސްޕީޑް ދަށް ވެފައިވާ ކަމަށް މާލެ ރައްޔިތުން ގަބޫލު ކުރެއެވެ. އަދި ފަސް އަހަރުގެ ވެރިކަމުގެ މިހިސާބަށް އައި އިރު ގިނަ ކަންކަން ހާސިލް ވެފައި ނުވުމުން މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ނުދެވޭނެ ކަމަށް ގަބޫލު ކޮށްގެން ތިބި މީހުން ވެސް މަދެއް ނޫނެވެ. ހާއްސަކޮށް އިގްތިސޯދީ ގޮތުން ދުނިޔެއަށް އައިސްފައިވާ މި ލޮޅުމުގައި ރާއްޖެއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އިގްތިސޯދީ މާހިރުންގެ އިތުރުން ދުނިޔޭގެ އެކި އެޖެންސީތަކުން ބުނަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ބައެއް މަޝްރޫތައް ހުއްޓުމަކަށް އައިސްދާނެ ކަމީ އެތައް ބަޔަކު މިހާރު ގަބޫލު ކުރާ ހަގީގަތެކެވެ.
ނަމަވެސް އެ މަންޒަރު ތަފާތު ވާނެ ކަމަށް މި ސަރުކާރުން ބުނެއެވެ. އަދި މިއީ ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ހުއްޓާލަންވީ ދަނޑިވަޅެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫތަކުގެ ތެރެއިން ގްރޭޓާ މޭލެ ކަނެކްޓެވިޓީގެ ބްރިޖުގެ މަޝްރޫއާއި ގުޅީފަޅުގައި ގާއިމް ކުރާ ޕޯޓުގެ މަޝްރޫއަކީ މާލެއަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ވަގުތު ރާއްޖޭގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއި އަދި ދުނީޔޭގެ އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާ އެކުގައި ވެސް ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށްޓަކައި މި މަޝްރޫއުތައް ފަސްކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އިގްތިސޯދު ހަރަކާތްތަކެއް އިތުރުވުމަކީ ރަނގަޅު ކަމެއް ކަމަށާއި، އެގޮތުގައި ދެމެހެއްޓިއްޖެ ނަމަ ކުރާނެ ފައިދާތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު މިއޮތް ހާލަތުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުމުގެ ވިސްނުންފުޅެއް ނެތް ކަން ފާހަގަ ކުރެއްވިއެވެ.
އެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާއެއް ލިބިގެން ދާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ބްރިޖާ އެކު ގުޅީފަޅު ޕޯޓް ތަރައްގީ ކުރަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ނިމުމުން ތަރައްގީގެ ކުލަތައް މާލެއަށް ފެންނާނެ ކަމަށެވެ. އެ ގޮތުން މާލޭގެ ކަސްޓަމްސް ސަރައްހަދުގެ ޓްރެފިކް ކުޑަކުރެވިގެން ދިއުމަކީ ހަލަބޮލި މާލެއަށް ލިބޭނެ ވަރަށް ބޮޑު ލުއެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
އެގޮތުން މިހާރު ވެސް މާލޭގެ ކަސްޓަމްސް ސަރަހައްދަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1000 ޕިކަޕް ދަތުރު ވަންނާނެ ކަމަށާއި އަދި އެ ޕޯޓް ގުޅީފަޅަށް ބަދަލުވެގެން ދިއުމުން އެ ދަތުރުތައް މަދުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެއީ މާލޭގެ ޓްރެފިކް ކުޑަކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ޕޯޓް ގުޅީފަޅަށް ބަދަލުވެގެން ދިއުމަކީ ވެސް އެކަމުގެ ސަބަބުން ވިޔަފާރުވެރިންނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ. މިހާރު ހޭންޑްލިންގް ޗާޖަށް ނަގާ ވަރު ކުޑަ ކުރެވޭނެ ކަމަށާއި އަދި މާލޭގައި ހުރި ގުދަންތައް ވެސް ބަދަލު ކުރެވުމަކީ މާލެއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބްރިޖާއި ޕޯޓްގެ މަޝްރޫގެ އިތުރުން ދެން މާލެއަށް ބޮޑު ބަދަލެއް ގެނެސްދޭނެ އަނެއް ކަމަކީ މާލެ މީހުންނަށް ގޯތި ދޫކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ ޕްލޭނެއެވެ. އެގޮތުން އެ ވައުދުފުޅު ވެސް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި އަންނަ މަހު މާލެ ރައްޔިތުންނަށް 3000 ގޯތި ދޫކުރަން އިއުލާން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ވައުދުވެވަޑައިގެންފައި ވަނީ މާލެ ސަރަހައްދުން 5000 ގޯތި ދޫކުރައްވާށެވެ. އޭގެތެރެއިން ގޯއްޗަށް ހުޅުވާލާނީ ގިރާވަރުންނާއި ހުޅުމާލެއިންނާއި އަދި ގުޅީ ފަޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގިރާވަރު ފަޅު ހިއްކައިގެން ދޫކުރާ 2000 ގޯއްޗާއި ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެކެވެ.
މި ސަރުކާރުން މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން މާލެއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ މާލެއަށް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް ގެނެސްދެވޭނެ މަޝްރޫއުތަކެއްގެ ގޮތުގައި ރައީސް ސޯލިހް ސިފަކުރައްވައެވެ. އަދި މިކަމުގެ ސަބަބުން މާލޭގައި މިހާރު ދިރިއުޅޭ ރައްޔިތުންނަށް އެތައް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު ގްރޭޓާ މާލެ ސަރަހައްދުގެ ޗާޓު ވަރަށް ވެސް ފުރިހަމަ ވެގެން ދާނެއެވެ. މިފަދަ ބަދަލެއް ތޮއްޖެހެމުން މިދާ މާލެއަށް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރި ނަމަވެސް މި ބަދަލު ފެންނާނެ ކަމާއި އަދި އެކަމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބިގެން ދިޔުމަކީ ވެރިކަމުގައި ހުންނެވި ރައީސް ސޯލިހްގެ ތަސައްވުރެވެ.