ކުރީގެ އަނބިމީހާ އެމްބާ ހާޑްއާ ދެކޮޅަށް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ ކާމިޔާބު ކޮށް، އާންމުންގެ މެދުގައި އިތުރު މަގުބޫލުކަމެއް ހޯދި ހޮލީވުޑްގެ ބަތޮލް ޖޮނީ ޑެޕްވެސް ޓިކްޓިކް ޕްލެޓްފޯމަށް އަރައިފިއެވެ.

ޓިކްޓޮކްގައި ޖޮނީ ޑެޕްގެ ފޮލޮވާޒްގެ އަދަދު މިހާރު ވަނީ 4 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

ޓިކްޓިކް ޕްލެޓްފޯމަށް އެރުމަށްފަހު ޖޮނީ ޑެޕް ވަނީ، 6 ހަފުތާގެ މުއްދަތަށް ޝަރިއަތް ދެމިގެން ދިޔައިރު އޭނާގެ ފޭނުން ދިން ސަޕޯޓަށް ޝުކުރު އަދާ ކޮށް، ޕޯސްޓެއް ދޫކޮށްލާފައެވެ. ނަމަވެސް އެއްވެސް ތަނެއްގައި، ކޯޓު މަރުހަލާގެ ވާހަކަ، ސަރީހަ އިބާރާތުން ބަޔާން ކޮށްފައެއް ނުވެއެވެ. ޕޯސްޓް ކުރިތާ އެންމެ 2 ގަޑިއިރު ތެރޭގައި އެކަނިވެސް 2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ.

ޖޮނީ ޑެޕްގެ ޕޯސްޓު މަގުބޫލު ވަމުން ދިޔައިރު، ހާޑްގެ ތަރުޖަމާނު ވަނީ އެއަށް ރައްދު ދީފައެވެ. ކުރިއަށް ދިއުމުގެ އަމާޒުގައި ޑެޕް ހުރިއިރު، އަންހެނުންގެ ހައްގުތައް ދަނީ ފަހަތަށް ކަމަށް ބުނެ، އޭނާ ވަނީ ޑެޕްއަށް ބަހުގެ ހަމަލާ ދީފައެވެ.

އަބުރުގެ ދައުވާގެ މައްސަލަ ހާޑްއާ ދެކޮޅަށް ކާމިޔާބު ކުރުމަށްފަހު ފާއިތުވީ ދުވަސްތަކުގައި ޖޮނީ ޑެޕް ދަނީ، ގިނަ އަދަދަކަށް، އާންމުންގެ ތެރެއަށް ނިކުންނަމުންނެވެ. އެގޮތަށް ނިކުމެ އުޅުމުގައި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކުރާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

އޭނާއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވާ މީހެއް ކަމަށް ބުނެ، އެމެރިކާގެ ދުވަހު ނޫހެއްގައި ހާޑް ލިޔުނު ލިޔުމަކީ ޑެޕްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް ބުނެ، ޑެޕް ކޯޓަށް ވެއްދި މައްސަލާގައި ޖޫރީއިން ވަނީ ޑެޕްއަށް 15 މިލިއަން ޑޮލަރުގެ ބަދަލެއް ހައްގު ކަމަށް ނިންމާފައެވެ. އެއީ ހާޑް ލިޔުނު ލިޔުމުގެ ބައްދަލެއްގެ ގޮތުންނާއި ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައެވެ.

ޖޫރީއިންގެ މެދުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެ ޕެނަލުން ވަނީ، އޭނާގެ ޒަވާޖީ ހަޔާތާ ބެހޭ ގޮތުން ހާޑް ދީފައި ވާ ބަޔާންތަކަކީ އަސްލެއް އެކުލެވިގެން ނުވާ ދޮގު ވާހަކަތަކެއް ކަމަށް ކަނޑައަޅާފައެވެ. އަދި ޑެޕްގެ ވަކީލުގެ ފަރާތުން ހާޑްއަށް އަބުރުގެ އުނިކަން ލިބިފައި ވާ ކަމަށް ނިންމާ، ބަދަލެއްގެ ގޮތުގައި 2 މިލިއަން ޑޮލަރު، ހާޑްއަށް ހައްގު ކަމަށްވެސް ނިންމިއެވެ.

ޖޫރީއިންގެ ރައުޔު އިއްވި ނަމަވެސް، ކޯޓުގެ ފަނޑިޔާރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑެޕްއަށް ހައްގުވާ މިންވަރަކީ 350000 ޑޮލަރު ކަމުގައި ކަނޑައަޅުއްވާފައެވެ. އެއީ މައްސަލަ ކުރިއަށް ދިޔަ ވާޖިނިއާގައި އެކަމަށް ދެވޭ އެންމެ ބޮޑު ބަދަލެވެ. އެހެންކަމުން ޑެޕްއަށް ލިބުނު ޖުމުލަ ގެއްލުމުގެ އަގު 10.4 މިލިއަން ޑޮލަރަށް އަރައެވެ. ހާޑްއަށް ބަދަލުގެ ގޮތުގައި އެއްޗެއް ދޭން ނުޖެހޭ ކަމަށްވެސް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.