ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަކުގެ ތެރެއިން 3000 މީޓަރުގެ ކޭބަލް ވަޅުލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކުޑަގިރީގައި މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ހަވާލުކޮށްފައި ވަނީ ސްޓެލްކޯއާއެވެ.
ސްޓެލްކޯއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމް ކުރުމަށް ވަޅުލަންޖެހޭ 3000 މީޓަރުގެ ކޭބަލް މިހާރު ވަޅުލާ ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައް ކުރުމަށްވެސް ސްޓެލްކޯއިން ވިސްނާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ޕިކްނިކް އަިއލެންޑް ތަރައްގީ ކުރަމުން އަންނަ އިރު އެތަނުގައި 150 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެއް ވެސް އަޅަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެރަށަށް ދަތުރުކުރާ މީހުންނަށް ހާއްސަ ކޮށްގެން އެހެން ވަސީލަތްތައް ވެސް ގާއިމް ކުރަން އޮތީ ނިންމައިފައެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.