ވިލިމާލެ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ވެކްސިން ޖަހަން އަލުން ފަށަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ވަނީ ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ތުއްތު ކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓުވާފައެވެ.

އައިޖީއެމްއެޗުން ބުނީ، މި މައްސަލަ ތަގުގީގުކޮށް މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާ ކަމަށެވެ.

މިކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެޗްޕީއޭގެ އިރުޝާދައާ އެއްގޮތަށް، އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ އިން ފެށިގެން އަލުން ވެކްސިން ޖަހަން ފަށަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިކަމުގެ ސަބަބުން މި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލްގެ ފަރާތުން މައާފަށް އެދިފައެވެ.

ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލާގައި ވިލިމާލެ ހޮސްޕިޓަލްގެ ބައެއް ސްޓާފުންނާއި ބައެއް ނަރުހުން ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.

ވިލިމާލެ ހޮސްޕިޓަލުން ދެމުން ގެންދިޔަ ވެކްސިނަކީ، އެ ވެކްސިންތައް ހެލްތް މިނިސްޓްރީން ހޮސްޕިޓަލާ ހަވާލު ކުރި އިރު ވެސް މުއްދަތު ހަމަވެފައި ހުރި ވެކްސިން ތަކެކެވެ. އަދި ޖެނުއަރީން ފެށިގެން އެ ވެކްސިން ދެމުން ގެންދިޔަ އިރު، އޭގެ އެކްސްޕަޔަރީ (މުއްދަތު ހަމަވާ ތާރީހު) ހޮސްޕިޓަލް ސްޓާފުން ބަލާފައި ނުވާކަން އެނގިފައި ވެއެވެ.

މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އެ ވެކްސިންގެ މައްސަލަ ފެންމަތިވެފައި މިވަނީ، ވެކްސިން ޖަހަން ކުޑަކުއްޖަކު ގޮވައިގެން ގޮސް އިން އެ ކުޑަކުއްޖާގެ މަންމައަށް ވެކްސިން ވައިލް ފެނި އެކަން ފާހަގަވި ހިސާބުންނެވެ.

އެމައްސަލާގައި އެހޮސްޕިޓަލުގެ ބައެއް ސްޓާފުންނާއި ބައެއް ނަރުހުން ސަސްޕެންޑު ކުރި އިރު މި މައްސަލާއާ ގުޅިގެން ހެލްތު މިނިސްޓްރީ ބުނެފައި ވަނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. އެމައްސަލައާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.