އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ބައެއް މީހުންގެ ދިފާއީ ވަކީލުން ދެވަނަ ފަހަރަށް ތަނާޒުލްވެއްޖެއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ. އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލައިފާ ވަނީ ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ދައުވާއެވެ.

މި މައްސަލައިގައި ހިމެނޭ ހަމްދޫނާއި މިޖުވާދުގެ ވަކީލުން މައްސަލައިން ތަނާޒުލްވުމުން އާ ވަކީލުންތަކަކާއެކު މައްސަލަ ކުރިއަށް ދަނިކޮށް އެ ވަކީލުން ވެސް މައްސަލަ ދޫކޮށްލާފައިވާކަން ކޯޓަށް ވަނީ އަންގާފައެވެ. ފީ ނުދީގެން ދެވަނަ ފަހަރަށް ވަކީލުން މައްސަލައިން ތަނާޒުލްވުމާ ގުޅިގެން ވަކީލުން ހަމަޖެއްސުމަށް ގާނޫނުގައި ދޭން ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު، 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލާގައި ހާޒިރުނުކުރެވި ތިބި ދެ ސިއްރު ހެކިންނަކީ މައްސަލަ ސާބިތު ކުރަން މުހިއްމު ބައެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރާއިރު ޗިޓު ފޮނުވައިގެން ސަލާމަތީ ހިދުމަތުގެ ބެލުމުގެ ދަށުން ވިޔަސް އެ ހެކިން ހާޒިރުކޮށްދޭން ދައުލަތުން ވަނީ އެދިފައެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.

ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަން މީގެ ކުރިން ވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.