ދައުލަތުގެ ރިޒާވާ ގުޅިގެން ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އީވާ ހުށަހެޅުއްވުމުގައި ވިދާޅުވީ މި ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވުގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށާއި މި ހިނގާ ޖޫން މަހާއި ކުރިއަށް މިއޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މި ދެ މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށާއި ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި ކިތައް ދުވަހުގެ ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ އަމީރުއާ ސުވާލުކުރުމަށް އީވާ ވަނީ ހުށަހަޅުއްވާފައެވެ.
ރާއްޖޭގެ ރިޒާވާ ގުޅޭގޮތުން އީވާ ސުވާލު ހުށަހަޅާފައި ވާއިރު ދާދި ފަހުން ރައީސް ނަޝީދު ވަނީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ އަމީރު ވަނީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ދަރަނިތައް ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށާއި މިއަހަރު ނިމޭ އިރު ރިޒާވް ރަނގަޅު ވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޒާވު ހުސްވާ ވާހަކަ ދޮގުކުރައްވައި ފިނޭންސް މިނިސްޓަރު އަމީރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާލުވެފައި ވަނީ، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ދަރަނިތައް ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށާއި މިއަހަރު ނިމޭ އިރު ރިޒާވް ރަނގަޅު ވާނެ ކަމަށެވެ. އަދި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، މިހާރު އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ކުރިން ހުރި މިންވަރުގައި ދެމެހެއްޓޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.