މިދިޔަ މެއި މަހު އެކަނި ވެސް މަސްތުވާތަކެތީގެ 167 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ފުލުހުންނަށް ޖުމްލަ 1048 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން ވައްކަމުގެ 340 މައްސަލައެއް ހިމެނެއެވެ.

އޭޕްްރީލް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 1047 މައްސަލައެކެވެ.

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ދެން ހިމެނެނީ ޓްރެފިކް އެކްސިޑެންޓުގެ 143 މައްސަލައަކާއި މުދަލެއް ގެއްލިގެން ހުށައެޅި 120 މައްސަލައަކާއި ހިޔާނާތްތެރިވުމުގެ 73 މައްސަލައެކެވެ. އަދި ހަމަލާދީގެން ހުށައެޅި 62 މައްސަލައެއް ހިމެނޭއިރު ތަޅާފޮޅުމުގެ 44 މައްސަލައެއް އަދި ފޭރުމެވެ 40 މައްސަލައެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ ކުށްތަކުގެ 29 މައްސަލަައަކާއި ގެވެށި އަނިޔާގެ 24 މައްސަލައަކާއި ފޯޖުކުރުމުގެ ހަތަރު މައްސަލައެއް އަދި ޗެކް ބައުންސްކުރުމުގެ އެއް މައްސަލައެއް މިދިޔަ މަހު ފުލުހަށް ވަނީ ހުށައަޅާފައެވެ.