ހދ. ކުމުންދޫގެ ނޭޗާ ޕާކު "ވެހިސަރާ"ގައި ބަޔަކު އަލިފާން ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ކުމުންދޫ ކައުންސިލުން ފޮޓޯތަކަކާ އެކު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ ތަނަށް ބަޔަކު ގެއްލުންދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުމުންދޫ ނޭޗާ ޕާކުގައި މީހުން ހިޔާކޮށްލަން ހަދާފައިވާ ހަޓު ވަނީ އެއްކޮށް އަނދައިފައެވެ. އަދި ވޯކްވޭ އަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އަންވަރު "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، އަލިފާން ރޯކޮށްލި ކަމުގެ މައުލޫމާތު ލިބިފައިވަނީ ގާތްގަނޑަކަށް ފަތިހު 5:40 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުމުންދޫގެ ނޭޗާ ޕާކާއެކު ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ނިސްބަތުން އިތުރުވިއެވެ. ނަމަވެސް، އެ ހާދިސާގެ ސަބަބުން ރަށަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، އެގޮތުން ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

އެ ޕާކު ތަރައްގީ ކުރުމަށް ބޮޑެތި އެހީތަކެއް ދިން ކުމުންދޫގެ "ކުރެވި" ޖަމިއްޔާ އިން ބުނީ މިއީ އެ ޖަމިއްޔާއިން އެތައް ފައިސާއެއް ހަރަދުކޮށްގެން ތަރައްގީކުރި ޕާކެއް ކަމަށާއި، އެ ޕާކުގައި އަލިފާން ރޯކުރި ބަޔަކު ކޮށްފައިވަނީ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

ފުލުހުން ބުނީ، ކުމުންދޫގެ ނޭޗާ ޕާކުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6 ޖަހާކަން ހާއިރު ކަމަށާއި، އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.