ތަފާތު އެކި މައްސަލަތަކުގައި ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގައި ނެގި ވޯޓުގައި ޖޯންސަން ކާމިޔާބު ހޯއްދަވައިފިއެވެ.
ޖޯންސަންގެ ލީޑާޝިޕަށް އިތުބާރު ނެތް ކަމަށް ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއް ފަރާތްތަކުން އިޝާރާތް ކުރަމުން ދަނިކޮށް މަޖިލީހުގައި ނެގި ވޯޓު، ޖޯންސަން ކާމިޔާބު ކުރެއްވީ 59 ޕަސެންޓްގެ ތާއީދާއެކުގައެވެ. އެހެންކަމުން، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވެރިކަން ބަދަލު ވެދާނެ ކަމަކަށް ނުބެލެވެއެވެ.
ޖޯންސަންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓުގައި، 211 މެންބަރަކު ވަނީ އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ. ޖޯންސަންގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 148 މެންބަރެކެވެ.
ކާމިޔާބާ ބެހޭ ގޮތުން ޖޯންސަން ވިދާޅުވީ، މި ފުރުސަތަކީ އެމަނިކުފާނާ ބެހޭ ގޮތުން މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތައް "ކަފުންކޮށް"، ކުރިއަށް ދިއުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ.
ވޯޓުގައި ޖޯންސަންއަށް ކުރި ލިބިވަޑައިގެންނެވި ނަމަވެސް، ދެކޮޅުވެރި ރޫހު ވަރުގަދަ ވަމުން ދިއުމަކީ ޖޯންސަންގެ ބާރުތައް ދޫވެގެން ދާ ކަމުގެ ހެއްކެއް ކަމަށް ފާޑުކިއާ ފަރާތްތަކުން ސިފަ ކުރެއެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ޖޯންސަންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
2018 ވަނަ އަހަރު އިނގިރޭސި ބޮޑުވަޒީރު ކަމުގައި ހުންނެވި ތެރޭސާ މޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ނެގި ވޯޓު އޭނާ ކާމިޔާބު ކުރެއްވީ 63 ޕަސެންޓްގެ ތާއީދާއެކުގައެވެ. އޭގެ 6 މަސްދުވަސް ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ވިލާތުގެ އިއްތިހާދު (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވުން (ބްރެކްސިޓް)ގެ މައްސަލާގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައެވެ.
2019 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގަމާ ހަވާލުވެވަޑައިގެންނެވި ޖޯންސައަށް، އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަރުކަށި ލޮކްޑައުންގެ ތެރޭގައި ފޯރިގަދަ ހަފުލާތަކާއި ޕާޓީތައް ކުރިއަށް ގެންދަވާ، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އެ މައްސަލާގައި ޖޯންސަން ޖޫރިމަނާވެސް ކުރައްވާފައެވެ. އެއާއެކު ޖޯންސަން ވެވަޑައިގަތީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް ގާނޫނު މުގުރާލައްވައިގެން ފިޔަވަޅަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރަށެވެ.