އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުން ފާޅު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި 43 މެންބަރުން ބައިވެރިވެފައިވާ އިރު 10 މެންބަރުން އެ ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވިއެވެ. އަދި ބާކީ 33 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިނުގަންނަ ގޮތަށެވެ.

"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،"
އިބްރާހިމް ރަޝީދު (ބޮންޑޭ)

މި ވޯޓުގައި ބޮންޑޭ ބައިވެރިވެވަޑައިގެންފައި ނުވި ނަމަވެސް މި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ބޮންޑޭ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އެންމ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އަދި ބޮންޑޭ ވެސް ހިމެނޭ އެމްޑީޕީއަށާއި މި ސަރުކާރަށެވެ. އޭނާ ވިދާޅުވީ، މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި ކަމަށާއި އެއީ ސަރުކާރު ކަމަށެވެ. ރައްޔިތުން މަޖިލީހާއި ސަރުކާރުގެ ބާރުތައް ވަކިވެފައި އޮންނަން ޖެހުނު ނަމަވެސް މިހާރު އޮތީ އެ ދެބާރު އެއްވެފައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުންތައް މިހާރު ބާއްވަނީ ސިއްރުން ކަމަށާއި ޖަލްސާ ބާއްވާ ކަން ނުވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން އެދިގެން ބައެއް މެންބަރުން ވެގެން ވޯތުގައި ބައިވެރިވެ މިފަދަ މައްސަލަތައް މަޖިލީހުން ބޭރުކޮށްލުމަކީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނަވާ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާ ދިމާ އަށް މީހުން އިނގިލި ދިއްކުރާނެ ފަދަ ކަމެއްގެ ގޮތުގައި ބޮންޑޭ ސިފަ ކުރެއްވިއެވެ. އަދި މި ވިޕް ސީދާ ނެރެފައި އޮތީ އެމްޑީޕީން ނޫން ކަމަށާއި މިއީ ސީދާ ސަރުކާރުގެ ނިންމުމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފަށް ވެސް ބޮންޑޭ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޑިއާއާ ދެކޮޅަށް އަޑުއުފުލާ ޕާޓީއަށް ނިސްބަތްވާ ބަޔަކަށް އިންޑިއާ ބަޔަކު ރަސޫލާއާ ފުރައްސާރަ ކުރުމުން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސީޑާ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކަން ކުރެއްވި މެންބަރަކީ "ފިތުނަ އުފައްދާ މެޝިނެއް" ގެ ގޮތުގައި ބޮންޑޭ ސިފަކުރެއްވިއެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ސަލަފް ފަދަ ބައެއް ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންތައް ވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.