ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި، އިންޑިއާގެ ބީޖޭޕީގެ ގައުމީ ތަރުޖަމާން ސަސްޕެންޑް ކޮށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލް ޕާޓީން ކަނޑާލައިފިއެވެ.

ބީޖޭޕީން މި މީހުންނާ މެދު ފިޔަވަޅު އެޅިކަމަށް ބުނެ ނެރުނު ބަޔާނުގައި ވަނީ، އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލު ކުރާ ހަމައެއް ނޫން ކަމަށެވެ. ބީޖޭޕީގެ ފިޔަވަޅު އަޅާ މައި ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާއަށް ފުރައްސާރަ ކުރި ދެމީހުންގެ ތެރެއިން ޝަރުމާ ދެއްކި ވާހަކަ ތަކަކީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރީ، ޓައިމްސް ނައު ޓީވީައި މެއި 26، 2022 ގައި ކުރިއަށް ގެންދިޔަ ބަހުސެއްގައެވެ. ޝަރުމާގެ ވާހަކައިގެ އިތުރުން ކުމާރު ޝުއޫރު ފާޅުކުރީ ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްވިޓާގައެވެ. އޭނާގެ ޝުއޫރުތައް ހަރުކަށި ވުމާއެކު ޕާޓީން ވަގުތުން ވަކިކުރުމަށް ނިންމާ އޭނާ ވަނީ ވަކިކޮށްފައެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް ލީޑާޝިޕްގައި ހިމެނޭ 2 މީހަކު މިފަދަ އަމަލެއް ކުރުމާއެކު، އިންޑިއާގެ އެކި ސިޓީތަކުގައި މުސްލިމުން ގެންދަނީ ނުރުހުންފާޅު ކުރަމުންނެވެ. އަދި ރަސޫލާއަށް ފުަރއްސާރަ ކުރި މައްސަލަ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސް، މެދުއިރުމަތީގެ ބައެއް ގައުމުތައް ކަމަށް ވާ، ކްވައިތާއި، ގަތަރާއި އީރާނުން ވަނީ، އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ މަންދޫބުންނާ ސުވާލުވެސް ކޮށްފައެވެ. މިއާއެކު އިންޑިއާ ބޯއީކޮޓް ކުރަން ގޮވާ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ.