މާ ސިންގާ ގަނޑުން ބިންދަމުންދާ ގަދަ ރާޅުތައް ފަދައިން ދޭތެރެއިން ދޭތެރެއިން މުޅި ދުނިޔެއަށް ސިހުން ގެނުވާ ހަނގުރާމަތައް ކުރެއެވެ. ދެ ރާޅެއްގެ ދޭތެރެއިން ހިންދެމިލާނެ ވަގުތެއް ލިބެއެވެ. ހަމަ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް، "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ގެ ނަމުގައި ޔޫކްރައިންއަށް އަރައިގެން ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމަވެސް އެފަދައެވެ.

ރަޝިއާއިން އެރި ބާރު މިނުގައި ހަމަ ދެންމެދެންމެ ޔޫކްރައިން ހިފާފާނެ ހިން ހީވި ނަމަވެސް، ޔޫކްރައިންގެ ފަހުލަވާނުން ތެދުވީ އެއަށްވުރެ ސާބިތު ކަމާއެކުގައެވެ. ރަޝިއާއިންވެސް އެކަމަށް ދުލެއް ނުދިނެވެ. "އޮޕަރޭޝަން" ގެންދިޔައީ ކުރިއަށެވެ. ފެބުރުއަރީ 24، 2022 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މިނިވަން ގައުމެއްގެ ހަމަހިމެންކަން ނަގާލި ގޮތަށް، ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމާ ކުރަމުންދާތާ މިއަދަށް މިއީ 100 ވަނަ ދުވަހެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެކަންވެސް މިހާރު އޮތީ ދެން ވާނެ ގޮތެއް ނުވަތަ ހަދާނެ ގޮތެއް ނޭނގި މަޑުޖެހިފައެވެ. ވަޅުޖެހިފައެވެ. ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ ދޭދޭ ހަނގުރާމައެއް ކަމުގައި ސިފަ ވީ ނަމަވެސް، އެކަމުގެ އަސަރުން ނިވާވާނެ ގައުމެއް ބައިނަލްގުވާމީ އިއްތިހާދީ ވިއުގާގައި ނެތެވެ.

ޔޫކްރައިން ހަނގުރާމައިން ސަލާމަތްވުމަށް އާންމުން ބޭނުން ކުރި އުޅަނދުތަކެއްގައި ރޯކޮށްލާފައިވޭ / ފޮޓޯ: ސީއެންއެން

އެހެން ވީ އިރު، މި ހަނގުރާމައަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދާއިރާގެ ތަޖުރިބާކާރުން ވަނީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައަށް ވުން އެކަށީގެންވާ 5 ހާލަތެއް ސިފަ ކުރައްވާފައެވެ.

1. އެއްވާނެއްގައި ހަނގުރާމަ ދިގުލާ ދިއުން

އަހަރުތަކަކަށް ނޫން ކަމުގައި ވީ ނަމަވެސް، މަސްތަކަކަށް ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެންމެ ފުރަތަމަ ނަޒަރިއްޔާއެވެ.

ދެބައެއްގެ މެދުގައި ކުރަމުން ދާ ހަނގުރާމަ ދިގުލައިގެން ދާ އިރު އެއްފަހަރު އެއްބަޔަކަށް، އަނެއް ފަހަރު އަނެއް ބަޔަކަށް ކުރި ލިބެއެވެ. އެއްވެސް ބަޔަކު އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ރަޝިއާގެ ރައީސް ޕޫޓިން ގަބޫލު ކުރައްވާ ގޮތުގައި އިސްތިރާޖީ ކެތްތެރިކަން އިސްކޮށްފިނަމަ ނަސްރު އޮތީ ރަޝިއާއަށެވެ. އެއީ ޔޫކްރައިން "ވަރުބަލި ކޮށްލައިގެން" ހުޅަނގަށް ދުއްތުރާ ކުރިމަތި ކޮށް، އިގުތިސޯދީ ކާރިސާއަށް ނަޒަރިއްޔާ ބަދަލުކޮށް، ޗައިނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުކަން އަމާޒު ކުރުވައިގެންނެވެ.

ނިއުކްލިއާ ހާދިސާތަކާ ގުޅިފައިވާ ޔޫކްރައިންގެ ޗެރްނޮބީލް ސަރަހައްދުގައި ރަޝިއާއިން ހިންގި ހަރަކާތްތަކަށް ފަހު އެ ސަރަހައްދުގައި ރޭޑިއޭޝަން ހުރި މިންވަރެއް ބަލަނީ / ފޮޓޯ: ސީއެންއެން

ނަމަވެސް، ހުޅަނގުން އަދި އެކަމަށް ދީލާލާފައެއް ނުވެއެވެ. ހުޅަނގުން ދަނީ ޔޫކްރައިންއަށް ބޭނުންވާ އަސްކަރީ ހަތިޔާރު ފޯރުކޮށްދެމުންނެވެ. ސީދާ މައިދާނުގައި ނޫން ކަމުގައި ވީ ނަމަވެސް، ހުޅަނގުގެ ފައުޖުތައް ވަނީ ރުކުރުވާލާފައެވެ. ދާއިމީ ހަނގުރާމައަކަށްވެސް ތައްޔާރީ ހާލަތުގައެވެ.

އޮސްޓްރޭލިއާގެ އަސްކަރީ ޖެނެރަލް އަދި އިލްމުވެރިޔާ މިކް ރާޔަން ވިދާޅުވާ ގޮތުގައި، ސީދާ ހަނގުރާމައިގެ އޮޕަރޭޝަންތަކުން ނުވަތަ އިސްތިރާޖީ ގޮތުން ކަމުގައި ވިއަސް، ދެ ފަރާތުން ކުރެ ފަރާތަކަށް ކުރު މުއްދަތުގައި ކާމިޔާބެއް ލިބޭކަށް ނެތެވެ.

2. ޕޫޓިން ބަލި ގަބޫލު ކުރެއްވުން

ހަނގުރާމަ މިހާރު ގޮސްފައި ވާ ހިސާބަށް ބަލާއިރު ޕޫޓިން އަމިއްލަފުޅަށް ބަލި ގަބޫލު ކުރައްވާ، ރަޝިއާގެ ހަމަލާތައް ހުއްޓާލައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ރަޝިއާގެ ނުފޫޒު އޮތް ސަރަހައްދުތަކަކީ ރަޝިއާގެ މިލްކެއް ކަމުގައި ހަދާ، ރަޝިއާއަށް ނަސްރު އިއުލާން ކުރެވިދާނެ ބާއެވެ؟

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން / ފައިލް ފޮޓޯ: ޔާހޫ ނިއުސް

"އަސްކަރީ އޮޕަރޭޝަން" ކާމިޔާބު ވެއްޖެ ކަމަށްވެސް ޕޫޓިންއަށް އިއުލާން ކުރެއްވިދާނެއެވެ. އެއީ ރަޝިއާގެ ތާއީދާއެކު، ޔޫކްރައިނުން ވަކިވެގަތުމަށް މަސައްކަތް ކުރާ ޑޮންބާސް ސަރަހައްދު ހިމާޔަތް ކުރެވި، ރަޝިއާއިން ނެގި ކްރައިމިއާ ސަރަހައްދަށް ދެވެން އޮންނަ މަގުވެސް ރަޝިއާގެ މުށުތެރެއަށް ލެވޭ ހިސާބެވެ.

މަސްރަހު ދިރާސާ ކުރެއްވުމުގައި ތަޖުރިބާ ހާސިލުކުރައްވާފައިވާ ކެއީރް ގީލްސް ވިދާޅުވާ ގޮތުގައި މިއީ ރަޝިއާއިން ބޭނުން ކުރުން އެކަށީގެންވާ އުކުޅެކެވެ.

ހަނގުރާމަ ހުއްޓާލުމަކީ ވިލާތުގެ ބައެއް ބާރުތަކުން މިހާރުވެސް ތާއީދު ކުރާ ފިކުރެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގައި އޮތް އެމެރިކާ ފަދަ ގައުމުތަކުން ގަބޫލު ކުރަނީ ރަޝިއާއިން ފެއިލް ވާން ޖެހޭ ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން (ވ) އަސްކަރީ ހަތިޔާރެއް ހިއްޕަވައިގެން / ފައިލް ފޮޓޯ: ފޮރިން އެފެއާޒް

ކަން މިހެން އޮތުމުން، އެއް ފަރާތުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމުން ބަދަލުވާނެ ކަމަށް ބެލެވޭ ހަމައެކަނި އެއްޗަކީ ހަނގުރާމައިގެ ރާގެވެ. ތަޅާފޮޅުމަށް ނިމުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

3. ހަނގުރާމައިގެ މައިދާނުގައި ދާނެ އިތުރުތަނެއް ނެތުން

ހަނގުރާމައިގެ މައިދާނުގައި ދެން އިތުރަށް ކުރިއަށް ދާނެ މަގެއް ނެތް ކަމަށް ބަލާ، ސިޔާސީ މަޝްވަރާއަށް ޔޫކްރައިންއާއި ރަޝިއާ ހިނގައްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އަސްކަރީ ފައުޖުތައް ވަނީ ވަރުބަލިވެފައެވެ. ހަތިޔާރުގެ ސަޕްލައި ހީނަރެވެ. ހަނގުރާމަ ކޮށްގެން ލިބެން އޮތް އެއްޗެއްގެ އަގު، ގެއްލޭ އެއްޗެއްގެ އަގަށް ވުރެ ދަށެވެ.

ހުޅަނގުން ފޯރުވަމުން ދާ ނުފޫޒަށް ލެނބުން ދޫކޮށް، މަޝްވަރާތަކަށް ދިއުމަށް ޔޫކްރައިންގެ ލީޑާޝިޕުން ނިންމައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ޔޫކްރައިން ހަނގުރާމައިން ސަލާމަތްވުމަށް އާންމުން ބޭނުން ކުރި އުޅަނދުތަކެއްގައި ރޯކޮށްލާފައިވޭ / ފޮޓޯ: ސީއެންއެން

މި ދެންނެވި ކަންކަމީ ވުން ދުރު ކަންކަމެވެ. ވަކިން ހާއްސަކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ވާނެ ކަމަކަށް ނުބެލެވެއެވެ. އަދި ސިޔާސީ ފެންވަރުގެ އެއްބަސްވުމަކަށް އައުމަކީވެސް ދަތި ކަމަކަށް ވާނެއެވެ. ސުލްހައިގެ އެއްބަސްވުމެއްގެ މާ ބޮޑު ބޭނުމެއް ނެތި، ހަނގުރާމަ ދިގުލާ ދިއުން ގާތެވެ.

4. ޔޫކްރައިންއަށް "ނަސްރު"

މިއީ ގިނަ ބަޔަކު އެންމެ އަޑު އަހަން ބޭނުން ވާހަކައަށްވެސް ވެދާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާގެ މައްޗަށް ޔޫކްރޭންއަށް ނަސްރު ހޯދިދާނެބާއެވެ؟

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ "ހަމަ ޔަގީނުންވެސް ކާމިޔާބު އޮތީ ޔޫކްރައިންއަށް" ކަމަށެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ހާރްކީވްގައި / ފޮޓޯ: ދަ މޮސްކޯ ޓައިމްސް

ޑޮންބާސް ކާމިޔާބު ކުރަން ރަޝިއާ ފެއިލްވެ، އިތުރު ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު ބިރުވެރިއެވެ. ސިޔާސީ މަސްރަހުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކެމިކަލް ނުވަތަ ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރުމަށް ޕޫޓިން ނިންމެވުންވެސް އެކަށީގެންވެއެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައި ވަނިކޮށް އާންމު އަސްކަރީ ހަތިޔާރު ބޭނުން ކޮށްގެން ކުރި ހަނގުރާމައެއްގައި ޕޫޓިން ނާކާމިޔާބީ ގަބޫލު ކުރެއްވުން ނާދިރު ކަމަށް، ތާރީހު އިލްމުވެރިޔާ ނިއާލް ފާގަސަން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

5. ރަޝިއާއަށް ނަސްރު ލިބުން

އަނގަޔަށް ބާރުލާފައި ހުޅަނގުން ބުނަމުން ދާ ގޮތުން ވިއްޔާ ރަޝިއާއިން އަމާޒު ހިފާފައި ވަނީ ޔޫކްރައިންގެ ވެރިރަށް، ކިއޭވް ހިފުމަށެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި، ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ކުށުގައި ހުކުމް ކޮށްފައި ވާ ވަޑީމް ޝިޝިމަރިން / ފައިލް ފޮޓޯ: ސްކައި ނިއުސް

ދުވާލެއްގެ މައްޗަށް ބަލާއިރު ޔޫކްރައިން އަސްކަރިއްޔާއިން 100 ސިފައިން މަރުވެ، އިތުރު 500 ސިފައިން ޒަހަމްވާ ކަމަށް ހުދު ޒެލެންސްކީވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

ޔޫކްރައިންގެ ރައްޔިތުން ބައިބައިވެ، ހަނގުރާމަ ކުރިއަށް ގެންދަން ބޭނުން ފެކްޝަނަކާ، ސުލްހަ އިސް ކުރާ ފެކްޝަނެއް އުފެދިދާނެއެވެ.

ރަޝިއާއަށް އިންޒާރެއްގެ ގޮތުގައި، ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހުޅަނގުގެ ބާރުތަކުން ނިއުކްލިއާ ހަތިޔާރެއް ޓެސްޓު ކުރުމަށްވެސް ހުޅަނގުގެ ޑިޕްލޮމެޓަކު ވިދާޅުވި ކަމަށް ވެއެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައަށް ނިމުން އަންނާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް އިންތިހާ ދައްޗެވެ.