ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް، ކުނި ވަކިކުރުމަކީ ފަރުދީ ޒިންމާއެއް ރައީސް އިބްރާހިމް މިހައްމަދު ސޯލިހު ވިދާޅުވެއްޖއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން އަދި ހިދުމަތްކޮށްދެމުންދާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ވިދާޅުވީ ގައުމުގެ މަސްލަހަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މިރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެއީ ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުތައް. އެ ސިޔާސަތުތަކުގެ ނަތީޖާ، ގައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން. އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއް. ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް، ހަމަ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެއް.
ރައީސް އިބްރާހިމް މިހައްމަދު ސޯލިހު

މީގެ އިތުރުން ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަން ފާހަގަކުރައްވާ ރައީސް ވަނީ ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ފޯރާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ކަންކަމާ ކުރިމަތިލުމުގައި ވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން ކަމަށެވެ. މިގޮތުން އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށާއި ކޮންމެ ކަމެއްގައިވެސް އިގްތިސާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކަރަންޓު ހަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށާއި މިކަންކަމުން ކުޑަ ކުރެވޭ ހަރަދުތަކުގެ ޖުމްލަ ނަތީޖާ މިފެންނަނީ ގައުމީ ފެންވަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިގްތިސާދީ ގޮތުން ގައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގްތިސާދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުމަކީ ހަމަ ކޮންމެ ފަރުދަކު އެދޭނެ ކަންކަން ކަމަށެވެ.

ރައީސް ވަނީ ދިރިއުޅޭ ގޭބިސީގެ ތެރެއިން މިކަންކަން ތަންފީޒު ކުރައްވަން ފަށްޓަވާނެ އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ ކޮންމެ ފަރުދަކުވެސް މި ކަންކަން އަމަލީ ގޮތުން ތަންފީޒުކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.