ފަސް މީހުންނާ އެކު މިިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ. ވިލިނގިލީގެ ނެރު މައްޗަށް އަރައި ހިނގި ހާދިސާ އާ ގުޅިގެން ހާލު ސީރިޔަސް ވި އެ ރަށު މިގްސާދު އަބްދުލް މުހުސިނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލައިފިއެވެ.

އައިޖީއެމްއެޗުން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެގެން އިތުރު ފަރުވާއަށް މާލެ ގެނައި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހާ ވަނީ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލާފައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިގްސާދުގެ އެހީތެރިއެއްގެ ގޮތުގައި ހޮސްޕިޓަލުގައި އުޅުނު އާއިލާގެ މީހަކު އޭރު ވަނީ މިގްސާދުގެ ނިތްކުރިމަތިން ތަންގަނޑެއް ހަލާކުވެފައި ހުރި އިރު އެ ދިމާލުންނާއި ނިތްކުރީގެ ދެފަރާތުން ވެސް ނާށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ބުނެފައެވެ. އަދި މިގްސާދުގެ ލޯ ކައިރިން މަތި އަދި ތިރީ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި ނޭފަތް ވެސް ޗިސްވެފައިވާ ކަމަށް އާއިލާއިން އޭރު މައުލޫމާތު ދިނެވެ.

އެރޭ 7:15 ހާއިރު ހިނގި އެކްސިޑެންޓްގައި ނިޔާވީ މިގްސާދުގެ ބޭބެ، މިސްބާހު އަބްދުލް މުހްސިނާއި އާއި ނ. ލަންދޫ މުހައްމަދު ޝާފިއު އެވެ.

އެ ދަތުރަކީ ނިޔާވި މިސްބާހުގެ އާއިލާގެ މީހަކާއި ޝާފިއުގެ އާއިލާގެ މީހަކު ކައިވެނި ހަފްލާގައި ބައިވެރިވުމަށް ޝާފިއު ބަލާ އޭނާ މަސައްކަތް ކުރަމުން ދިޔަ ފުލްމޫން ރިސޯޓަށް ކުރި ދަތުރެކެވެ.