ށ. ނޫމަރާގައި މީގެ ހަ އަހަރު ކުރިން ވަޅިން ހަމަލަދީ އަމިއްލަ ދަރިފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި އައިމިނަތު ޝާހިދާގެ މައްޗަށް ކުށް ސާބިތުވިޔަސް އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސުން ބުނެފިއެވެ.
މީގެ ހަ އަހަރު ކުރިން، 11 ފެބްރުއަރީގައި ޝާހިދާ، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ފާތިމަތު ޝައިހާ ފަޔާޒު މަރާލާފައި ވަނީ ކަރުގެ ތިން ތަނަކަށާއި، ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް، އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލަދީގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ދަރިފުޅު މަރައިލި މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ މައްސަލައިގެ ހެކި ގަރީނާއަށް ބަލައި ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ވާރިސުންގެ ބަސް ހޯދުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކުއްޖާގެ ހުރި ހަމައެކަނި ވާރިސް ބުނެފައި ވަނީ މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށެވެ. އަދި ދެފަރާތުން އެ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާއިރު އެ މައްސަލައިގެ ހުކުމް ކުރުން ވަނީ މިމަހުގެ ހަވަނަ ދުވަހަށް ތާވަލްކޮށްފައެވެ.
ހެޑްލައިނުން އެކަނި މައުލޫމާތު ލިބޭ ކަހަލަ އާޓިކަލް ނުޖަހާ ހަމަ އެކަނި ހެޑްލައިން ޖަހާލަބަލަ. ހަބަރު ލިޔާކަށް ނޭނގޭތަ؟ އެކުއްޖާ މަރަން ދިމާވި ސަބަބު..ނުވަތަ އެ އާއިލާ ނޫނީ ރަށުގެ މީހުން އެކަން ހިނގަން ދިމާވި ސަބަބާ ބެހޭ ގޮތުން ބުނާ އެއްޗެއް މިޒަމާނުގަ މިހުރިހާ ވަސީލަތެއް ހުރެގެންވެސް ހޯދާނުލެވޭތަ ހަމަ؟
ހައަރު ފަހުންވެސް މައްސަލަ ނިމޭތީއުފާކުރަން މިފަދަ ކުޑަގައުމެއްގާ މައްސަލަތައް ލަސްވުމަކީ ވަރައް ދެރަކަމެއް ދެއްތޯ