އަބުރަށް ހުތުރުވާ ގޮތަށް ދުވަހު ނޫހެއްގައި ލިޔުމެއް ޝާއިއު ކުރި މައްސަލާގައި ކުރީގެ އަނބިމީހާ އެމްބާ ހާޑްއާ ދެކޮޅަށް، ހޮލީވުޑްގެ މަޝްހޫރު ބަތޮލް ޖޮނީ ޑެޕް ކޯޓަށް ވެއްދި މައްސަލާގައި، ޑެޕްއާ އެއްކޮޅަށް ފަނޑިޔާރުން ތާއީދު ކޮށްފިއެވެ.

އޭނާއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވާ މީހެއް ކަމަށް ބުނެ، އެމެރިކާގެ ދުވަހު ނޫހެއްގައި ހާޑް ލިޔުނު ލިޔުމަކީ ޑެޕްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް ބުނެ، ޑެޕް ކޯޓަށް ވެއްދި މައްސަލާގައި ޖޫރީއިން ވަނީ ޑެޕްއަށް 15 މިލިއަން ޑޮލަރުގެ ބަދަލެއް ހައްގު ކަމަށް ނިންމާފައެވެ. އެއީ ހާޑް ލިޔުނު ލިޔުމުގެ ބައްދަލެއްގެ ގޮތުންނާއި ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައެވެ.

6 ހަފުތާއަށް ވާޖިނިއާގައި ކުރިއަށް ދިޔަ ޝަރީއަތް ނިމުނުއިރު، ހާޑް،36، އަށްވެސް 2 މިލިއަން ޑޮލަރު ހައްގު ކަމަށް ވަނީ ނިންމާފައެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން މަންޒަރުތައް ބަލަމުން ދިޔަ ޑެޕްއާއި ހާޑްގެ ޝަރިއަތުގެ އަޑުއެހުންތަކުގައި، ޑެޕްއާއި ހާޑްވެސް ވަނީ އެކަކު އަނެކަކު ދެއްކި ވާހަކަތަކަށް އިންކާރުކޮށް، ދިރިއުޅުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ވާހަކަ، ތަފާތު ގޮތް ގޮތަށް ހިއްސާ ކޮށްފައެވެ.

ހިޔާލު ހޯދުމުގެ ސާވޭއަކަށް ބަލާއިރު ޔޫކްރައިންގައި ކުރަމުން ދިޔަ ހަނގުރާމައިގެ ކަންކަމަށް ވުރެ، ޑެޕްއާއި ހާޑްގެ ޝަރިއަތުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ބަލަމުން ދިޔަ މީހުންގެ އަދަދު ގިނައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަރިއަތުގެ މަންޒަރުތައް ލައިވް ކުރިއިރު، ބިލިއަން ވިއުސްގެ ފާހަގަވެސް ހުރަސް ކުރިއެވެ.

ޖޫރީއިންގެ މެދުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެ ޕެނަލުން ވަނީ، އޭނާގެ ޒަވާޖީ ހަޔާތާ ބެހޭ ގޮތުން ހާޑް ދީފައި ވާ ބަޔާންތަކަކީ އަސްލެއް އެކުލެވިގެން ނުވާ ދޮގު ވާހަކަތަކެއް ކަމަށް ކަނޑައަޅާފައެވެ. އަދި ޑެޕްގެ ވަކީލުގެ ފަރާތުން ހާޑްއަށް އަބުރުގެ އުނިކަން ލިބިފައި ވާ ކަމަށް ނިންމާ، ބަދަލެއްގެ ގޮތުގައި 2 މިލިއަން ޑޮލަރު، ހާޑްއަށް ހައްގު ކަމަށްވެސް ނިންމިއެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޫރީ ޕެނަލުން ބަޔާން އިއްވި މަޖިލީހުގައި ޑެޕް ބައިވެރިވެފައެއް ނުވެއެވެ. އެއީ މާ ކުރިން ތާވަލު ކޮށްފައިވާ މަސައްކަތުގެ ޝެޑިއުލާ ފުށުއެރުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ޖޫރީއިންގެ ރައުޔު އިއްވި ނަމަވެސް، ކޯޓުގެ ފަނޑިޔާރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑެޕްއަށް ހައްގުވާ މިންވަރަކީ 350000 ޑޮލަރު ކަމުގައި ކަނޑައަޅުއްވާފައެވެ. އެއީ މައްސަލަ ކުރިއަށް ދިޔަ ވާޖިނިއާގައި އެކަމަށް ދެވޭ އެންމެ ބޮޑު ބަދަލެވެ. އެހެންކަމުން ޑެޕްއަށް ލިބުނު ޖުމުލަ ގެއްލުމުގެ އަގު 10.4 މިލިއަން ޑޮލަރަށް އަރައެވެ. ހާޑްއަށް ބަދަލުގެ ގޮތުގައި އެއްޗެއް ދޭން ނުޖެހޭ ކަމަށްވެސް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

ޝަރިއަތާ ބެހޭ ގޮތުން ޑެޕް ބުނެފައި ވަނީ، އޭނާގެ ހަޔާތް، ޖޫރީއިން ހޯދާދީފައި ވާ ކަމަށާ، ހަގީގަތަކީ ގެއްލިދާނެ އެއްޗެއް ނޫން ކަމަށެވެ. ހާޑް ބުނީ އޭނާގެ ހިތް ކުދިކުދި ވެފައި ވާ ކަމަށެވެ. ހުކުމުގެ ސަބަބުން އަންހެނުންނަށް އޮތް ހާލަތާ މެދު ހިތާމަ ކުރާ ކަމަށާ، އެއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ހާޑް ވަނީ ސިފަ ކޮށްފައެވެ. ހާޑްގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ވަނީ، މައްސަލަ އިސްތިއުނާފު ކުރުމަށް ހާޑް ރާވަމުންދާ ކަން ހާމަ ކޮށްފައެވެ.

ޑެޕްއާއި ހާޑް އެންމެ ފުރަތަމަ ބައްދަލުވީ "ދަ ރަމް ޑައެރީ" ގެ ސެޓުން، 2009 ވަނަ އަހަރުގައި ކަމަށް ވާ އިރު، ކައިވެނި ކުރީ 2015 ވަނަ އަހަރުއެވެ. މާ ގިނަ ދުވަހެއް ނުވެ، 2016 ވަނަ އަހަރުގެ މެއި މަހު، ޑެޕްގެ ގާތުން ވަރިވުމަށް ހާޑް ހުށަހެޅިއެވެ. ހުއްޖަތަކަށް ހެދީ، ޖިސްމާނީ އަނިޔާގެ ވާހަކައެވެ. އެފަހަރުވެސް ކޯޓުގައި ގިނަ ބަހުސްތަކެއް ކުރިއަށް ގެންގޮސް، ވަރި ސާބިތު ކުރީ 2017 ވަނަ އަހަރުއެވެ.