މިއަދުން ފެށިގެން ގޭގެއިން ބޭރުކުރާ ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް އަދި އެހެނިހެން ބާވަތްތަކުގެ ކުނި ނެރެން ޖެހޭނީ ވަކިންނެވެ. މިގޮތަށް ކުނި ވަކިކުރަން ނިންމާފައި ވަނީ، ކުނި މެނޭޖްކުރުމުގައި އަދި ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލުއިވާނެ ގޮތަކަށް ވިސްނާފައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކުންޏަކީ، ކޮންމެހެންވެސް އުކަން ޖެހޭ އެއްޗަކަށް ވާއިރު، ސަރުކާރުން ގެނައި ބަދަލާއެކު މިއޮތީ މިގޮތަށް އުޅެން ޖެހިފައެވެ. ކުނި އުކަން ކުރިން ކުރި ހޭދަ ދެގުނަވެގެން ދިޔަޔަސް މިއަދު މިނޫންގޮތެއް ނެތެވެ.

މިއަދުން ފެށިގެން 3 ބާވަތެއްގެ ކުނި ބަންދު ކުރަން ޖެހެނީ ވަކިން 3 ކޮތަޅުގައެވެ.

މާ3 ބާވަތުގެ ކުނި:

  • ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  • ޕްލާސްޓިކް ފުޅި
  • އަދި އެހެނިހެން ބާވަތްތަކުގެ ކުނި

ފުރަމާލެ ސަރަހައްދު ނޫން، މީހުން އުޅޭ ރަށްރަށާއި ސިނާއީ ރަށްރަށާއި ރިސޯޓްތަކުން ކުނި ވަކިކޮށްފައި ބަންދު ކުރަން ޖެހޭނީ:

  • ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  • ޕްލާސްޓިކް ފުޅިމައުދަނާއި ބިއްލޫރީގެ ބާވަތްތައް
  • އަދި އެހެނިހެން ބާވަތްތަކުގެ ކުނި

މި ބާވަތްތަކުގެ ކުނި ބަންދު ކުރާ އިރު އެއް ކުންްޏެއްގެ ބާވަތް އަނެއް ކުންޏާ އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން، ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް، ނުވަތަ ކުލީ ޕިކަޕުގައި، އެހެން ކުންޏާ އެއް ނުވާނޭހެން އުކާލުމަށް ވެމްކޯއިން ބުނެއެވެ.

ގޭގެއިން މަގުމައްޗަށް ކުނި ނެރެފައި / ފޮޓޯ: ދަ ޕްރެސް

ސަރުކާރުގެ ފަރާތުން ހުށަހެޅި، 2 ރުފިޔާ ކޮތަޅަކުން އިތުރުކުރާ ބިލް:

ވެމްކޯއިން މިއަދުން ފެށިގެން ކުނިތައް ވަކި ކުރަން އަންގާފައި ވާއިރު ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

އެ ބިލުގައި ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ވަރު ހިމަނަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ދައްކަން ޖެހޭނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކޮތަޅު ހިލޭ ލިބޭ ކަމަށް ބުނާ 5 ހާލަތެއް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި އާއި ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު ހިމެނޭއިރު އޭގެ އިތުރުން 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއާއި އަދި ކުނި މެނޭޖް ކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު އެ ލިސްޓުގައި ހިމެނެއެވެ. ނަމަވެސް ސުވާލަކީ، ފިހާރައިން ކޮތަޅު ގަންނަ މީހާ އެކޮތަޅު ގަންނަ ބޭނުން ފިހާރައިގެ ސޭޓަށް އެނގިދާނެތޯއާއި، އެކަން ސޭޓް ނިންމާނީ ކިހިނެއްތޯއެވެ. ނަމަވެސް އެ ބިލުގެ ބޭނުމަށް އެ ބުނާ ލިޔެއް ލިޞޭ ފަރާތަކީ ވިޔަފާރި ވެރިޔާ ކަމަށް ވާނަމަ ވެސް، ކޮތަޅުގަންނަ މީހާއަށް ލުޔެއް ނެތެވެ. ސަބަބަކީ، އެ ގާނޫނަށް ފަހު ސޭޓް އެއްވެސް ކޮތަޅެއް ހިލޭ ނުދޭނެތީއެވެ.

ވެމްކޯ ކުނި އުކާ މީހެއް --

އެ ބިލުގައި އިތުރަށް ބުނާ ގޮތުގައި ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށާއި ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މި ބިލު ފާސްވެއްޖެނަމަ ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގާނަމަ ގޭބަސީތަކުން ކުނި އުކުމަށް ކުރާ ހޭދަ މަހެއްގެ މައްޗަށް 330ރ އަށް އަރާނެއެވެ. ދުވާލެއްގެ މައްޗަށް 3 ކޮތަޅު (މެދު ސައިޒް) ގެ ރޭޓުން ބެލި ނަމަވެސް އޭރުން ކޮންމެ މަހަކު އެކަނިވެސް ކޮތަޅަށާއި ވެމްކޯއަށް ދައްކަން ޖެހޭ ޖުމްލަ ބޮޑެވެ.

ކުންޏަށް ގެނައި ބަދަލާއެކު ހަރަދު އުފުލިގެން ދާނެ ގޮތް - ދަ ޕްރެސްގެ އިންފޯ ގްރެފިކްސް

ބައެއް ފިހާރަޔަކުންބ ހިލޭ ކޮތަޅު ދިން ނަމަވެސް މިހާރުވެސް ބައެއް ފިހާރަތަކުން 2ރ. އަށް ކޮތަޅު ވިއްކަނީއެވެ. ކުންޏަށް ގެނައި ބަދަލާއެކު، ގޭބިސީއަކުން މަދުވެގެން 3 ކޮތަޅު ކޮންމެ ދުވަހަކު ނުނެރުނަސް، ބައެއް ގޭބިސީތަކުގައި އުފެދޭ ކުނި ގިނަ ވުމާއެކު 3 ކޮތަޅަށް ވުރެ ގިނައިން ނެރެން ޖެހޭނެއެވެ.

އެކަމާ ގުޅިގެން ވެމްކޯއިން ބުނީ ވަގުތުން އުކާލަން އެންމެ މުހިންމު ވާނީ ކުނިވާ ޒާތުގެ ކުނި ކަމަށާއި އެހެނިގެން ކުނި ކޮންމެ ދުވަހު އުކާލަން ނުޖެހޭނެ ކަމަށެވެ. އެގޮތުން ބައެއް ޒާތުގެ ކުނި ހަފްތާއެއް ވާންދެން ބެހެއްޓޭނެ ކަމަށްވެސް ވޭމްކޯއިން ބުނެއެވެ. ނަމަވެސް ވެމްކޯއިންވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ކުދިކުދި ތަންތަންކޮޅުގައި އެތައް ބަޔަކު ދިރިއުޅެމުން، ކުނި ނުވާ ކުނި ކޮތަޅުތައް ކަނަކަށް ޖަހައިގެން ތިބުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމެވެ.

ވެމްކޯގެ އޮފިޝަލަކު "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ބުނީ، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ކޮތަޅު އުފެއްދުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށާއި މިހާރު ޑިޒައިން ފައިނަލް ކޮށް، އޭގެ ބައެއް ޓެކްނިކަލް ކަންކަން ކުރަމުންްދާ ކަމަށެވެ. މިއީ ރާއްޖޭން ބޭރުން ގެންނާނެ، އަމިއްލައަށް ފަނާވެދާނެ ކޮތަޅުކަމަށާއި ނަމަވެސް ކޮތަޅުތައް ގެނެވޭނެ ތާރީހެއް އެނގިވަޑައިނުގަންނަވާ ކަަމަށް ވިދާޅުވެއެވެ.

ރާއްޖެއަށް ކޮޓަލު އެތެރެ ކޮށްފައި ހުރި ގޮތް - ދަ ޕްރެސްގެ އިންފޯ ގްރެފިކްސް

ރާއްޖެއަށް ކޮތަޅު އެތެރެ ކުރާ ގޮތުގެ ތަފާސް ހިސާބަށް ބަލާއިރު، ވޭތުގެ ދިޔަ 3 އަހަރު ޖުމްލަ 310 މިލިއަން ކޮތަޅު ވަނީ އެތެރެ ކޮށްފައެވެ. އެއީ 90 މިލިއަން ރުފިޔާގެ ކޮތަޅެވެ.

ކުނި އުކާލުމަށް ގެނައި ބަދަލާއެކު، ޣެބިސާތަކުގެ އިތުރުން ވިޔަފާރިތަކާއި ސައި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނަށްވެސް ތަންފީޒު ވާނީ މިއަދު ފެށި އުސޫލެވެ. ހަމައެއާއެކު ފުރަމާލެ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގޮސް ކުނި އުކާލާ ފަރާތްތަކުން ވެސް ބަޔާންކޮށްފައިވާ 3 ބަޔަށް ކުނި ވަކިކޮށްގެން އުފުލުމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެ ދެއެވެ. ވެމްކޯއިން ބަޔާންކޮށްފައިވާ ބައިތަކަށް ކުނި ވަކިކޮށްފައި ނުވާ ނަމަ، އެކުނި ބަލައި ނުގަންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މި މެސެޖްތައް މިހެން ދިން ނަމަވެސް، ފުޅާދާއިރާއެއްގައި ކެމްޕެއިނެއް ހިންގާފައި ނުވުމުން، ކުންޏާމެދު އަމަލުކުރަންވީ ގޮތް ބައެއްމީހުންނަކަށް ނޭނގެއެވެ. "ދަ ޕްރެސް" އާ ވާހަކަ ދެއްކި ބިދޭސީންގެ ބަޔަކު ބުނީ އެމީހުންނަށް ވާނުވާ ނޭނގޭ ކަމަށާއި ކުނި ނެރެ ބަހައްޓާނީ އެހެންޏާވެސް ބަހައްޓާ ގޮތަށް ދޮރުމަތީގައި ކަމަށެވެ.

ކުންޏަކީ ރަނގަޅަށް އިންތިޒާމް ކުރެވިގެން ނައްތާލަން ޖެހޭ އެއްޗެއް ކަމަށް ވިޔަސް، ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދާ ދަނޑިވަޅެއްގައި ކުންޏަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ އާންމު ރައްޔިތުމީހާއަށް ލިޞޭނެ ބޮޑު ތަކުލީފެކެވެ.