ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދުކުރުމަށްޓަކައި، ފޯމަކަށް 10،000ރ ގެ ރޭޓުން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އާންމުންނަށް ނޭނގި ޕާޓީއަށް ވައްދާ މައްސަލަ އާއި ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުވާ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ކޮމިޝަނުން ވަނީ ކޮންމެ ފޯމަކަށް ޖޫރިމަނާ ކުރަން ނިންމުމުގެ އިތުރުން، ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަން ނިންމައިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުން ފެށިގެން ހުށަހަޅާ ސައްހަނޫން ކޮންމެ ފޯމަކަށް ޕާޓީ ޖޫރިމަނާ ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި، އެ އުސޫލުގެ ދަށުން އެ ޕާޓީއެއްގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށެވެ

"1 އޭޕްރިލް 2022 އިން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްހަނޫން ކޮންމެ ފޯމަކަށް، ޕާޓީ 10 ހާސް ރުފިޔާ، ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރިމާނާ ކުރަން ފަށާގޮތަށް މިއަދު ކޮމިޝަނުން ނިންމައިފި."

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، މިއީ މިވަގުތަށް އެ މައްސަލައަށް ގެނެވެން އޮތް ހައްލެވެ. އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހުތަކެއް ހުށަހަޅަން ނިންމައި، އެ އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަގު ފޯމްތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ކޮމިޝަނުން މިހާރު ވެސް މަޝްވަރާތައް ކުރަމުން ދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގް މި ނޫހަށް އޭރު ވިދާޅުވީ، ވަގު ފޯމުތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިވަގުތު އަޅަން ނިންމި ފިޔަވަޅަކީ ޕާޓީތަކަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރުން ކަމަށާއި، އިތުރު ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ

"އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވިފައިވޭ، ނަމަވެސް އިތުރު ފިޔަވަޅު އަޅާނީ ކުރިއަށް ތަނުގައި ނަތީޖާ ދައްކާ ގޮތަކަށް ބަލާފަ." ފުވާދު އޭރު ވިދާޅުވިއެވެ.

ވަގު ފޯމްތަކުގެ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، ބައެއް ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެމްއެންޕީގައި ރަޖިސްޓްރީކުރި މައްސަލައަކާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގްގެ މައިންބަފައިން އަދާލަތު ޕާޓީގައި ރަޖިސްޓްރީކުރި މައްސަލައެއް ވެސް ވަނީ މިފަހުން ފެންމަތި ވެފައެވެ.