މަސް ނިމެން ކައިރިވާއިރު މުސާރަ ޖަމާވާނެ ދުވަހަކަށް އެންމެންވެސް އިންތިޒާރުކުރެއެވެ. އެކި އެކި ބޭނުންތައް ފުއްދުމަށްޓަކައެވެ. އެހެންނަމަވެސް ހިތާމައަކީ އޭގެ ތެރެއިން ގިނަ ބަޔަކު ބުރަ މަސައްކަތުން ހޯދާ މަދު ފައިސާކޮޅު ރޯކޮށް އަލިފާނަށް އަންދާލާތަން ފެނިގެން ދިއުމެވެ. ސީދާ އަލިފާނަށް ނޭޅި ކަމުގައި ވިޔަސް ސިނގިރޭޓާއި ވޭޕާ، މި ނޫންވެސް މިޒާތް ޒާތުގެ ތަކެތި ބުއިމަށް އެ ފައިސާކޮޅު އެއްކޮށްހެން ހަރަދުކުރާ މީހުންވެސް މަދެއް ނޫނެވެ. އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ހާލުގަވެސް އެކަން އެ ކުރަނީ ދެން އަންނަން އޮތް ޖީލަށް ވިސްނައި ނުލައެވެ. އެ ދޫކުރާ ދުމާއި އަދި ސިނގިރޭޓުން އަރާ ދުމުން އެތައް އެތައް ފުރާނައެއް ނުރައްކާތެރި ބަލިތަކަށް ހުށައެޅިގެންދާ ކަމީ ވިސްނާލަށް ޖެހޭ މުހިއްމު ކަމެކެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި 1989 ވަނަ އަހަރުން ފެށިގެން ދުވަހެއް ފާހަގަކުރަމުން އަންނައިރު ދުންފަތް ކެއުމާއި އެކި އެކި ސިފަ ސިފައިގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދުވަހެއް ދުވަހަށް އިތުރު ވަމުން އަންނަ ކަމީ ހިތާމަ ކުރަން ޖެހޭ ކަމަކެވެ. އީ ސިނގިރޭޓާއި ވޭޕާއި ޝީޝާގެ ނަން ނަމުގައި ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެހި ބުއިމަކީ ޒަމާނީ ފެޝަނަކަށް ވެފައިވާ ވާއިރު ފަހަރުގައިވެސް އެއީ މާ "މޮޅު މާ ސަޅި" ކަމެއް ނޫނެވެ.
ސެނަހިޔާ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ކެޕްޓަން މުހައްމަދު ފާލިހު އަލީ "ދަ ޕްރެސް" ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުން ނިސްބަތުން ގިނަ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ކެންސަރު ޖެހުމުގެ 80 ޕަސެންޓް ފުރުސަތު އޮންނަ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ 10 ނުވަތަ 20 އަހަރު ފަހުންވެސް އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވާކަން ފާހަގަ ކުރައްވާ ޑރ. ފާލިހު ވިދާޅުވީ އެކަމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުމަށް މުޅި އުމުރަށްސް ބޭސް ކުރަން ޖެހިފައިވާ ހާލަތުވެސް އެބަހުރި ކަމަށެވެ. އަދި ދުންފަތުގެ ސަބަބުން ފުއްޕާމޭގެ ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވެގެން ދާކަން ފާހަގަކުރައްވާ ޑރ. ފާލިހު ވިދާޅުވީ އޭގެ އިތުރުން ވެސް ފުއްޕާމޭގެ އެކި އެކި ބަލިތަކަށް ހުށައެޅިގެންދާ ކަމަށެވެ.
އޭގެ ތެރޭގައި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ހިމެނޭއިރު އެ ބަލީގެ ސަބަބުން ނޭވާ ހޮޅީގެ އެތެރެ ފަށަލަ ދުޅަވަމުންދާ ވަރަކަށް ކުރިން ހުންނަ ގޮތަށް ރުޖޫއަ ނުވުމާއެކު ނޭވާ ހޮޅިތައް ހިމަވަމުންދާ ކަމަށް ޑރ. ފާލިހު ފާހަގަ ކުރެއްވިއެވެ. އަދި ފުއްޕާމޭ ބޮޑުވެ ކުޑަވުމުގެ ބާރު ގެއްލި މަޑުމަޑުން ފުއްޕާމޭގެ އެތެރޭގެ ހެދުމަށް ބަދަލު އައިސް ނޭވާލާން އުނދަގޫވުން އެ ބަލީގައި ދިމާވެއެވެ.
ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ޑރ. ފާލިހު ވިދާޅުވީ ސިނގިރޭޓުގެ ކޮޅުން އަރާ ދުމާއި ދުންފަތުގެ އިސްތިއުމާލު ކުރާއިރު ވައިގެ ތެރެއަށް ދޫކުރާ ދުން އެެހެން މީހުންގެ ހަށިގަނޑުގެ ތެރެއަށް ދިއުމުން ގެއްލުންވާ އެއްޗަކަށް ވާއިރު އޭގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ގެއްލުންވާ ކަމަށެވެ. އެގޮތުން ނޭވާ ހިއްލުމުގެ ބަލިތަކާއި ސީއޯޕީޑީ ޖެހުން ހިމެނޭއިރު ސަޑަން އިންފަންޓް ޑެތް ސިންޑްރޯމް (އެސްއައިޑީއެސް) ނުވަތަ ކުއްލިއަކަށް ތުއްތު ކުއްޖަކު ނިޔާވުމާއި އެ ދުމާ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅުން ހުރި ކަމަށް ޑރ. ފާލިހު ފާހަގަ ކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހާއާއި ދުމުގެ އަސަރު އެ ވަގުތު ކުރާ މީހާއަށް ގެއްލުން ލިބޭ ވާހަކަތަކަކީ އާންމު ވާހަކަތަކަކަށްވީ ނަމަވެސް ތާޑް ހޭންޑް ސްމޯކާސްގެ ވާހަކަ އަކީ އާ ވާހަކަ އަކަށް ވެދާނެއެވެ. ތާޑް ހޭންޑް ސްމޯކް އަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ގައިގަ ނުވަތަ ތަނެއްގައި ހަރުލައިފާ ހުންނަ ދުމުގެ ސަބަބުން އެހެން މީހުންނަށް ގެއްލުންވުމެވެ.
ޑރ. ފާލިހު ވިދާޅުވީ ގިނަ ބަޔަކަށް ވިސްނިފައި ވަނީ ވޭޕްގެ ސަބަބުން ގެއްލުން ނުވާ ކަމަށެވެ. އެހެންނަމަވެސް ވޭޕުގައި ގާތްގަނޑަކަށް 70 ވަރަކަށް ކެމިކަލް އެކުލެވިގެން ވާއިރު ހޫނުކޮށްގެން އަރުވާ އާވީގެ ސަބަބުން ފުއްޕާމޭ ހެދިފަ ހުންނަ ގޮތަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިގެން ދެއެވެ.
"މާ ކޫލް" ކަމަކަށް ހަދައިގެން ވޭޕް ކުރާތީ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީވެސް ވަނީ އިންޒާރު މެސެޖަކާއެކު ވޭޕް ކުރުމުގެ ސަބަބުން، ފުއްޕާމޭ ފެޅި، ފުއްޕާމޭގެ ވަށައިގެން ހުންނަ ދުލިފަށް ދޭތެރެއަށް ބޭރުވާ ލޭ އެޅިފައި ހުރި ފުޅިއަކާއެކު ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު އެމެރިކާގައި، އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ބަލިވެގެން ވެންޓިލޭޓަރަށްލާން ޖެހޭ ހިސާބަށް ދިޔަކަން ފާހަގަކުރައްވާ ޑރ. ފާލިހު ވަނީ އެ ޒުވާނުންގެ ހަމައެކަނި ހިސްޓްރީއަކަށް އޮތީ ވޭޕްކުރުން ކަމަށެވެ. އަދި ރާއްޖޭގައި ވެސް ޒުވާނުން މަދުމަދުން ނަމަވެސް ފުއްޕާމޭގައި ފެންހެދި، ލޯވަޅު ހެދި ލޭ ފައިބާ ތަންވެސް ފެންނަމުން އަންނަ ކަމަށް ޑރ. ފާލިހު ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާރާ ކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ އަހަރަކު ޖުމްލަ 150 މީހުން ނުވަތަ ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެކަކު މަރުވަނީ ސީދާ ދުންފަތުގެ ސަބަބުންނެވެ.
ދުނިޔޭގައި އަހަރަކު 2 ލައްކަ ހެކްޓަރު ގަސްތައް ކަނޑާ ދުންފަތް އިންދާއިރު ގާތްގަނޑަކަށް އެންމެ ސިނގިރޭޓެއް ހަދަން 3.7 ލީޓަރުގެ ފެން ހޭދަކުރެެވެ. ޑރ. ފާލިހު ވިދާޅުވީ ހިތާމައަކީ ގިނަ ފަހަރަށް އެ ސިނގިރޭޓް ހަދަން ފެން ބޭނުން ކުރާ ގައުމުތަކަކީ އެތައް ކުދިންނެއް ފެނަށް ޖެހިފައި ތިބި ގައުމުތަކަށް ވެސް ވާކަމެވެ.
ދުންފަތާއި ވޭޕާއި މިނޫންވެސް އެއްޗެހީގައި ހިމެނޭ ނިކޮޓިންގެ ބާވަތަކީ މީހާ، އެއަށް އާދަވާ އެއްޗަކަށް ވާއިރު މީހާއަށް އެއާ ދުރުވާން ވަރަށް އުނދަގޫވެއެވެ. އެހެންނަމަވެސް އެކަމަށް ފަރުވާތައް ހުރިއިރު އައިޖީއެމްއެޗްގެ ފުއްޕާމޭގެ ޑިޕާޓްމަންޓުން އަންނަނީ "ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ" ފަރުވާ ދެމުންނެވެ. ޑރ. ފާލިހު ވިދާޅުވީ މިދިޔަ އަހަރުވެސް 121 މީހަކު އެ ފަރުވާ ހޯދި ކަމަށާއި އޭގެ ތެރެއިން 37 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލި ކަމަށެވެ.
މީގެ އިތުރުން އަމިއްލައަށް އަޒުމު ކަނޑައަޅާ، ހުއްޓާލާ މީހުން އުޅޭ ކަމަށާއި ހުއްޓާލުމަށް ފަހު ފުރަތަމަވެސް ފުއްޕާމޭގެ ހާލަތު ދެނެގަތުން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ޑރ. ފާލިހު ވިދާޅުވީ އުނދަގުލެއް ވާން ފެށުމުން ލަސްނުކޮށް ފަރުވާ ހޯދުމުގެ ސަބަބުން އިތުރަށް މައްސަލަ ބޮޑުވުން ހުއްޓުވޭނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދިއުމަށް އާއިލާއާއި ކައިރީގައި އުޅޭ ރަހުމަތްތެރިންގެ ހިތްވަރު ވަރަށް ބޭނުންވާނެ ކަމަށާއި ސިނގިރޭޓް ބުއިން ހުއްޓުމަށްފަހުވެސް ރައްޓެހިންގެ ފަރާތުން އެއްބާރުލުން ނުލިބި، އަލުން ފަށާ މީހުންވެސް ތިބޭ ކަމަށް ޑރ. ފާލިހު ފާހަގަ ކުރެއްވިއެވެ.
ސިނގިރޭޓް ފޮށި ގަންނައިރު އެ ފެންނަ ލޭބަލްގައި ވާ ގޮތަށް ގެއްލުން ލިބޭނީ ތިމާއަށް އެކަނި ނޫން ކަމާއި އާއިލާއާއި، ކައިރިގައި އުޅޭ މީހުންނާއި ކުޑަކުދިންނަށް އަދި ކުރިއަށް އޮތް ޖީލަށް ވެސް ގެއްލުން ވާނެކަން ވިސްނާލައި "ދުންފަތަށް ހޯހޯ" ކިޔާ ހުއްޓާލާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.