އުރީދޫގެ މޯބައިލް ޕޭމަންޓް ހިދުމަތް "އެމް-ފައިސާ"ގެ ހިދުމަތް މެދުވެރިކޮށް، ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ގޮތް ހަދައި، މަދު އަދަދެއްގެ ކަސްޓަމަރުންނާ އެކު، ޓްރަޔަލްގެ މަރުހަލާތައް ފަށައިފިއެވެ.

މިއަދު ހެނދުނު އުރީދޫގެ ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ދެ ހަފްތާގެ މުއްދަތަކަށް، އެމްއެމްއޭ އާ ގުޅިގެން ބައެއް ކަސްޓަމަރުންނަށް އެ ހިދުމަތުގެ އަޖުމަ ބަލާލަން ފުރުސަތު ދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ހިދުމަތް ތައާރަފް ކުރުމުން، ކިޔޫގައި މަޑުކުރަން ނުޖެހި، ރައްކާތެރިކަމާއެކު، އެމް-ފައިސާ ބޭނުންކޮށްގެން ކޮންމެ ގައުމަކަށް ވެސް ފައިސާ ފޮނުވޭނެއެވެ. އެ ހިދުމަތުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށާއި ރިސޯޓު މުވައްޒަފުންނަށް ލުއިތައް ލިބިގެން ދާނެ ކަމަށް، އޭނާ ވިދާޅުވެއެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ މި ޓްރަޔަލްގައި ވެސް އެއްވެސް މައްސަލައެއް ދިމާނުވެ، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް މި ޕްރޮޑަކްޓް ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށް." ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ޑިޖިޓަލް ފައިނޭންޝަލް މެނޭޖަރު އައިޝަތު ހަމްޒީނާ ފުވާދު ވިދާޅުވި ގޮތުގައި، އެ ހިދުމަތް ހަތަރު ގޮތަކަށް ބޭނުން ކުރެވޭނެއެވެ. އެއީ:

  • ޑިޖިޓަލް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުން
  • ބޭންކަށް ފައިސާ ޖަމާކުރުން
  • ފައިސާ ނަގަން ދިއުން
  • ފައިސާ ގެންގޮސްދިނުން

އެމް-ފައިސާގެ ހިދުމަތް އުރީދޫން ދެމުންދާތާ މިހާރު ފަސް އަހަރު ވަނީ ވެފައެވެ. އެކި ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ވެސް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވެއެވެ. ރާއްޖޭގެ އިތުރުން، ބޭރު ގައުމުތަކުގައި ވެސް އެ ހިދުމަތް ދެމުން ދާއިރު، މިދިޔަ ޖެނުއަރީ މަހު، އެމްއެމްއޭ އިން ވަނީ އުރީދުއަށް އިންޓަނޭޝަނަލް ރެމިޓަންސް ލައިސަންސް ދޫކޮށްފައެވެ.