ވިޔަވަތި ކޮންފަރެންސްގައި ފުލުހުން ދެއްކީ ރާއްޖެ އަށް ޑްރަގްސް އެތެރެކޮށް، ގޭންގްތައް ފުޅާވަމުންދާ ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި އެއީ ފުލުހުންނަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ތިން ދުވަހުގެ "ވިއަވަތި" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑްރަގުގެ މައްސަލަ އާއި ގޭންގު ކުށްތަކަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ މައްސަލަ ކަމަށާއި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް ދައްކައިދިނީ އެ ދެ މައްސަލަ ރާއްޖޭގައި ފެތުރެމުންދާ މިންވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މިންވަރު ކަމަށެވެ.
ޑްރަގާއި ގޭންގްތަކާ ދެކޮޅަށް އެކުލަވާލި ދެ ޓާސްކް ފޯހުން ވެސް އަންނަނީ ހައްލުތަކެއް ހޯދަމުން ކަމަށާއި ރާއްޖޭގައި ފެތުރިފައި އޮތް ޑްރަގާއި ގޭންގު ކުށްތައް ހުއްޓުވުމަކީ ފުލުހުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ކޮންފަރެންސްގައި އިއްޔެ ފުލުހުން ވަނީ 1990 އިން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް އުފެދި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށް ބުނެފައެވެ.