ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ކަންކަން ތަކުލީފަކަށް ވެފައި ވާ އަވަށްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 2 ގައުމު ގުޅިގެން، އެކުގައި މަސައްކަތްތަކެއް ކުރުމަށް އިންޑިއާއާއި ޖަޕާނުން އެއްބަސްވެއްޖެއެވެ.
ޖަޕާނުގެ ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކީޝީޑާއާ ދެމެދު، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު އާންމު ކުރި ބަޔާޏުގައެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީއިން ބުނީ ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ކާރިސާއާއި، އާންމު ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ މައްސަލައަށް ރިއާޔާތް ކުރައްވާ، ޖަޕާނާއި އިންޑިއާގެ ބޮޑުވަޒީރުން މަޝްވަރާ ކުރައްވާފައި ވާ ކަމަށާ، އެ ކަމުގައި 2 ގައުމު އެކުގައި މަސައްކަތްތަކެއް ކުރާނެ ކަން ކަށަވަރު ކޮށްދެއްވާފައި ވާ ކަމަށެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީއިން އެކަން ހާމަކޮށްފައި ވާ ދަނޑިވަޅަކީ، ބޭރުގެ ފަރާތްތައް މެދުވެރިކޮށް ސްރީލަންކާއަށް ބޭނުންވާ އެހީ ކަށަވަރު ކުރުމުގައި "ކުއަޑް"ގެ މެންބަރު ގައުމުތައް ކަމަށް ވާ، އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާއިން އިސް ނެގުމަށް، ސްރީލަންކާގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު ރަނީލް ވިކްރަމަސިންހަ އެދިވަޑައިގެން، އެކަމަށް ހުށަހަޅުއްވާފައި ވާ ދަނޑިވަޅެއްގައެވެ.
އިންޑިއާއާއި ޖަޕާނުންވެސް މިހާރުވެސް ދަނީ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިއާއިން ވަނީ ކްރެޑިޓްލައިން ފަދަ އެކި އުސޫލުތަކުގެ ތެރެއިން 3.5 ބިލިއަން ޑޮލަރުގެ ލޯނުއެހީ، އިންޑިއާއަށް ދޫކޮށްފައެވެ. ޖަޕާނުންވެސް ވަނީ ސިއްހީ ބޭސްވެރިކަމުގެ ޒަރޫރީ ސަމާނު ގަތުމަށްޓަކާ ސްރީލަންކާއަށް 1.5 މިލިއަން ޑޮލަރުގެ ކުއްލި އެހީ ހަމަޖައްސާ ދީފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމާ ގުޅޭ ކަންކަން ވިލަރެސް ކުރެއްވުމަށް، ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހަމަޖައްސަވާފައެވެ. ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ހާލަތުން އަރައިގަތުމުގައި އެހީތެރިވެ ދެއްވަން ނަޝީދު ހުށަހެޅުއްވުމުން، އެކަން ކުރެއްވުމަށް ނަޝީދު އައްޔަން ކުރެއްވީ ބޮޑުވަޒީރު ކަމަށް މައުލޫމާތު ލިބެއެވެ.
"އިންޑިއާއިން ވަނީ ކްރެޑިޓްލައިން ފަދަ އެކި އުސޫލުތަކުގެ ތެރެއިން 3.5 ބިލިއަން ޑޮލަރުގެ ލޯނުއެހީ، އިންޑިއާއަށް ދޫކޮށްފައެވެ." އެޑިޓަރެއްގެ ޒިންމާ ކޮބާ؟ ޕްރޫފް ރީޑަރު ކޮބާ؟ ޖަރނަލިސްޓަކަށް ވެވޭނެ ކޮންމެ މީހަކަށްވެސް ތިގޮތަށް ލިޔަން. ތަރުޖަމާގެ މައްސަލައެއްތަ؟