މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ކައުންސިލަށް ފޮނުވި ސިޓީގައި މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށް ބުނެފައިވާނެ ކަމަށެވެ.

ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް މިނިސްޓްރީއިން ފާހަގަކުރެއެވެ އަދި ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެހެންކަމުން މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ސިޓީ ކައުންސިލުގައި މިނިސްޓްރީއިން ވަނީ އެދިފައެވެ.

މަހާނަތައް ޒީނަތްތެރިކުރުން ވިޔަފާރިއަކަށް ބަދަލުވެފައިވާއިރު ޕެކޭޖުތައް ހަދައިގެން ބޮޑެތި އަގުގައި އެ މަސައްކަތް ކުރަމުން އެބަދެއެވެ. މީގެ އިތުރުން ވިޔަފާރި އުސޫލުން މަހާނައަށް ދޮންވެލި އަޅައިވެސް ދޭ ބައެއް މީހުން އުޅެއެވެ.