"ވިޔަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބައި އއ. އުކުޅަހުގައި މާދަމާ ފަށަން ނިންމައިފިއެވެ.

މި ބައްދަލުވުމުގައި މެދު ރާއްޖެތެރޭގެ ހުރިހާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވާނެއެވެ.

ރައީސް އޮފީހުން ބުނީ، މިފަހަރުގެ ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އަދި އެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޗާޓެއް އެކުލަވާލަން ހަމަޖހެިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސް ނަންގަވާ ބާއްވަވާ މި ބައްދަލުވުން ކުރިއަށް ދާނީ މާދަމައިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

"ވިޔަވަތި ރާއްޖެ" ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކްރޮސްރޯޑުގައި ދެ ދުވަހަށް ބޭއްވި އެ ބައްދަލުމުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނާ އެއްތަނަކުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާއި 2020 އަށް ފާސްކުރި ބަޖެޓަށް ކައުންސިލަރުން އަހުލުވެރި ކުރުވުމާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.