ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއް ނިންމާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިގޮތުން ޝާހު ވިދާޅުވީ، އެކުންފުނިން މިވަގުތު ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް 4 މަޝްރޫއެއް ނިންމާފައިވާ ކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 20 މަޝްރޫއެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވަނީ އެމްޑަބްލިޔުއެސްސީގެ ހަޔާތުގައި ވެސް މިއަހަރަކީ އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު ކަން ފާހަގަ ކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ ހަޔާތުގައިވެސް މިއަހަރަކީ އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު،
މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވަނީ ކުންފުންޏެއްގެ އެންމެ ބޮޑު އެސެޓަކީ ކުންފުނީގައި ތިބޭ ގާބިލް މުވައްޒަފުން ކަން ފާހަގަކުރައްވާ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މިގޮތުން މިދިޔަ އަހަރު ސަރުކާރުން ހިންގި މުހިންމު ތަމްރީނު ޕްރޮގްރާމުތައް އެ ކުންފުނީގެ މުވައްޒަފުން ފުރިހަމަކޮށްފައިވާ ކަން ޝާހު ވަނީ ފާހަގަ ކުރައްވާފައެވެ.

ރޭގަ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވުމުން ރައީސް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާ ގުޅޭގޮތުން ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ކުންފުނީގައި ގާބިލް މުވައްޒަފުން އެބަތިބި ކަމަށާއި މިވަގުތު 1،275 މުވައްޒަފުން ތިބިއިރު އޭގެތެރެއިން އަންހެން މުވައްޒަފުންގެ ގޮތުގައި ތިބީ އެންމެ 112 މުވައްޒަފުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ 18 މުވައްޒަފަކު މިވަގުތު އެކުންފުނީގައި މަސައްކަތް ކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.