ދުނިޔޭގެ އެންމެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ހަކުރު އުފައްދަމުން އަންނަ ގައުމު ކަމަށް ވާ އަވަށްޓެރި އިންޑިއާއިން، ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.

ބްރެޒީލްގެ ފަހަތުން ދުނިޔޭގެ ބާޒާރަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ހަކުރު އެކްސްޕޯޓް ކުރަމުންދާ އިންޑިއާއިން، ހަކުރު އެކްސްޕޯޓް ކުރާ މިންވަރު އެންމެ ފަހުން ކޮންޓްރޯލް ކުރީ މީގެ 6 ވަރަކަށް އަހަރު ކުރިންނެވެ.

ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ކޮންޓްރޯލްކޮށް، އިންޑިއާގެ ސަރުކާރުން ނެރެފައި ވާ އަމުރެއްގައި ބުނެފައި ވަނީ، މި މޫސުމުގައި އިންޑިއާއިން އެންމެ ގިނަ ވެގެންވެސް އެކްސްޕޯޓް ކުރާނީ 10 މިލިއަން ޓަނުގެ ހަކުރު ކަމަށެވެ.

މިއީ އިންޑިއާގެ އެތެރޭގެ ބާޒާރުތަކުގައި އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގައި ހަކުރު އުފައްދާ ކާރުހާނާތަކުން މިހާރުވެސް ވަނީ ދުނިޔޭގެ ބާޒާރުތަކަށް ރެކޯޑް މިންވަރަކަށް ހަކުރު ސަޕްލައިކޮށްފައެވެ. ނަމަވެސް ޖޫން 1 އިން ފަށައިގެން އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލަށް ހޭދަވާ މުއްދަތުގެ ތެރޭގައި ހަކުރުގެ އެއްވެސް ޝިޕްމަންޓެއް ގައުމުން ބޭރު ކުރެވޭނީ، ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް، އަމުރުގައި ބަޔާން ކޮށްފައި ވެއެވެ.

އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރެވޭނެ އެންމެ މަތީ މިންވަރެއް ކަމަށް އެ ގައުމުން މީގެ ކުރިން ކަނޑައަޅަން އުޅުނީ 8 މިލިއަން ޓަނު ކަމަށް މައުލޫމާތު ލިބެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދުނިޔެއަށް ކުރިމަތިވި ހީނަރުކަމުން އަރައި ނުގަނެވި އުޅެނިކޮށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ނޭދެވޭ އަސަރު، ކާބޯތަކެތީ ސަލާމަތްތެރިކަމާއި ސަޕްލައި ޗޭނަށް، ދުނިޔޭގެ ފެންވަރުގައި ދަނީ ފޯރަމުންނެވެ.

މި ދަނޑިވަޅުގައި ގައުމުތަކުގެ ބާޒާރުތަކުގައި ތަކެތީގެ އަގު އުފުލި، ކާބޯތަކެތި ފަދަ ޒަރޫރީ މުދަލުގެ އަގުތައް އުފުލެމުން ދާއިރު، އެކި ގައުމުތަކުން ދަނީ އެކްސްޕޯޓް ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން އިންޑިއާއިން ވަނީ ގޮދަނުގެ އެކްސްޕޯޓް މަޑުޖައްސާލަން ނިންމާފައެވެ. މިވަގުތު ދުނިޔޭގެ ގޮދަން ސްޓޮކްގައި ހުރީ އެންމެ 10 ވަރަކަށް ހަފުތާގެ ގޮދަނުގެ ސަޕްލައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ގޮދަނުގެ އެކްސްޕޯޓް މަޑުޖައްސާލާފައި ވާ އިރު، މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލާފައެވެ. މެލޭޝިއާއިންވެސް އެ ފިޔަވަޅު އެޅި އެތެރޭގެ ބާޒާރުތަކުގައި އަގުތައް ކޮންޓްރޯލް ކުރުމުގެ ނަމުގައެވެ.

ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދަނީ ދެއްވަމުންނެވެ.