ހަކަތަރި ސާމާނު އަގުހެޔޮކޮށް އާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފައިނޭންސިން ސްކީމުގެ އެއްބަސްވުމުގައި އެންވާރަމަންޓަ މިނިސްޓްރީ އިން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ އަހްމަދު ރިޒާއެވެ.

މި އެއްބަސްވުމުގެ ދަށުން ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފައިނޭންސިންގް ސްކީމެއް ބޭންކުންކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފައިނޭންސިންގް ސްކީމު ތައްޔާރުކޮށްފައިވަނީ ލިސްޓް ބޭސްޑް ފައިނޭންސިން ސްކީމެއްގެ ގޮތުގައި ކަމަށާއި މިސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން 3، 4، އަދި 5 ތަރީގެ ތަކެތި ކަމަށެވެ. ހަކަތަރި ޕްރޮގްރާމަކީ ރާއްޖެ ތަރައްގީވެ ކުރިއަރައިގެން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުމަށް ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުން ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16 ޕަސަންޓް މަދު ކުރެވިގެންދާނެ. އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އަށް ބަލާނަމަ މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް. އެއީ އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ
އެންވާރަމަންޓް މިނިސްޓްރީ

ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ފައިނޭންސިންގް ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10 ޕަސަންޓް ރޭޓުގައި ކަމަށެވެ. އަދި މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެއްމެދަށް ރޭޓު ކަމަށް ޝައުނާ ވިދާޅުވިއެވެ.

އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫއެން އެންވަޔަރަންމަންޓް) އާގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯކާބަން އެނަރޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން ވަނީ ފައިނޭންސިންގ ސްކީމަށް 12،288،000 ރުފިޔާ ހަމަޖައްސާފައެވެ.
އެންވާރަމަންޓް މިނިސްޓްރީ

މިނިސްޓްރީން ބުނީ، ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައި ކަމަށާއި އަދި ހަކަތަރި ލޭބަލްޖެހި ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިން ކަމަށެވެ.

ބޭންކުގެ ފަރާތުން 15،360،000 ރުފިޔާ އާހަމައަށް ހަކަތަރި ލޭބަލް ޖެހި ސާމާނު ސްކީމުން ގަނެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.