ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ފެންނަމުންދާ މަންކީޕޮކްސް ބަލީގެ ކޭސްތައް، އެފްރިކާ ސަރަހައްދުން ބޭރުގެ ހިސާބުތަކުގައި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ގަދަ ހުމެއް އައުމާއެކު ގައިގައި ފިއްތަކެއް ނުވަތަ ބިހިގަނޑެއް ނެގުން ފަދަ އަލާމާތްތަކެއް ފެންނަ މަންކީޕޮކްސްއަކީ އެފްރިކާ ސަރަހައްދަށް އާންމު ބައްޔެއް ނަމަވެސް، މި ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލީގެ ކޭސްތައް ދަނީ ރިޕޯޓް ކުރަމުންނެވެ.

ވިލާތާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާއިންވެސް މަންކީޕޮކްސްގެ ކޭސްތައް ފެނިފައި ވާ އިރު، ޖުމުލަ ކޭސް ނަމްބަރު، 100 އަށް ވުރެ މައްޗަށް އަރައެވެ. މި އަދަދު އަދިވެސް އިތުރުން އެކަށީގެން ވީ ނަމަވެސް، ތަޖުރިބާކާރުން ވަނީ، މުޅި އަބާދީއަށް ބަލީ ނުރައްކާ ކުޑަ ކަމަށް ވިދާޅުވެފައެވެ.

މަންކީޕޮކްސް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: އިންޑިއަންނޭޝަން

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އޮފިޝަލް މާރިއާ ވާން ކެރްކޯފް ވިދާޅުވީ، މަންކީޕޮކްސްގެ ކޭސްތަކަކީ ކޮންޓްރޯލް ކުރެވިދާނެ ކޭސްތަކެއް ކަމަށެވެ. ބޭނުން ވަނީ އެއް އިންސާނެއްގެ ހަށިގަނޑަށް ބަލި ފެތުރުން ހުއްޓުވުމަށް ކަމަށާ، މީގެ ކުރިން މި ބަލި ފެތުރިފައި ނުވާ ގައުމުތަކުގައި އެކަން ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

އެފްރިކާ ސަރަހައްދުން ބޭރުން 16 ގައުމަކުން މިހާރު ވަނީ މަންކީޕޮކްސް ބަލީގެ ކޭސްތައް ފެނިފައެވެ. މިއީ ފާއިތުވީ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އެފްރިކާ ސަރަހައްދުން ބޭރުގައި މި ބަލި މިހާ ގަދައަށް ފެތުރިގެން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހާ ހަލުވި މިނެއްގައި ފެތުރިގެން ދާ ބަލިމަޑުކަމެއް ނޫން ކަން، ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.

މާރިއާ ވާން ކެރްކޯފް ވިދާޅުވީ ހަގީގަތުގައި ބަލި ފެތުރެމުން ދަނީ ހަމާއި-ހަން ޖެހިގެން ކަމަށާ، މިހާތަނަށް ބަލި ފެނުނު މީހުންގެ ކިބައިންވެސް ފެނިފައި ވަނީ އާދައިގެ އަލާމާތްތަކެއް ކަމަށެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ޑަބްލިއުއެޗްއޯގެ އިތުރު އޮފިޝަލަކު ވިދާޅުވީ، މަންކީޕޮކްސް ޖައްސާ ވައިރަސް މިއުޓޭޓްވެ ނުވަތަ ބަދަލު ވެފައި ވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމާށެވެ. ކަށިވިދުރު ނުވަތަ ސްމޯލްޕޮކްސްއާ ބެހޭ ޑަބްލިއުއެޗްއޯގެ ސެކްރެޓާރިއަޓްގެ އިސްވެރިޔާ ރޯޒާމަންޑް ލުވީސް ވިދާޅުވީ މި ގުރޫޕުގެ ވައިރަސްތަކަކީ ބަދަލުވާ ވައިރަސްތަކެއް ނޫން ކަމަށާ، އެ ވައިރަސްތަކަކީ އެއް ގޮތެއްގައި ހިފަހައްޓާ ވައިރަސްތަކެއް ކަމަށެވެ.

މަންކީޕޮކްސް ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ ބަލިޖެހިފައި ވާ މީހަކާ ގޭބިސީ ހިއްސާ ކުރުން، ބަލިޖެހިފައިވާ މީހަކާ ޖިންސީ ގުޅުން ހިންގުން ނުވަތަ ހަށި ރައްކަލަށް ބޭނުން ކުރާ (ޕީޕީއީ) އާލާތް ބޭނުން ކުރުމަކާ ނުލާ، (ބަލިޖެހިފައި ވާ މީހާގެ) ތަންމަތި ބަދަލު ކުރުން ފަދަ ކަންކަން ކުރާ މީހުންނެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވުމަށް ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.