ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާއިގެން ޕްރޮޕޯސަލް ހުށައަޅައި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް ލިިބިފައިވާ ކޯޓާއަށް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ހައްޖު ކޯޕަރޭޝަން ކަމަށްް އެ މިނިސްޓްރީއިން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބުނު އެ ކޯޓާގެ ތެރެއިން 100 ކޯޓާގެ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔޫއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އަހަރު ރާއްޖެ އަށް ލިބިފައި ވަނީ 453 ކޯޓާކަން ސައުދީން ރަސްމީކޮށް އަންގާފައިވާ ކަމަށާއި އެކަމަކު އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށްގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ރާއްޖެ އިން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.