މިހާތަނަށް ބަލި ފެނިފައި ނުވާ ގައުމުތަކުގައި ސާވޭލަންސް މަސައްކަތް ފެށުމާއެކު، އަދިވެސް އިތުރު މަންޒިލްތަކަކީ މަންކީޕޮކްސް ބަލީގެ ކޭސްތައް ފެނުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މަންކީޕޮކްސްއަށް ކަށަވަރު ވެފައި ވާ 92 ކޭސް އަދި ޝައްކު ކުރެވޭ 28 ކޭހެއް، އެ އިދާރާގެ މެންބަރު 12 ގައުމަކުން ފެނިފައި ވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ބަލި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުރިއަށް އޮތް ދުވަސްތަކުގައި ދެމުންދާނެ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ލިބިފައިވާ މައުލޫމާތާއި ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ، އެއް އިންސާނެއްގެ ކިބައިން އަނެއް އިންސާނަކަށް މި ބަލި ވާރުތަ ވަމުން ދަނީ، ބަލީގެ އާލާމަތްތައް ފެންނަ މީހުންނާ ގާތުން ކޮންޓެކްޓްވެގެންނެވެ. މިއީ ވަރަށް ގާތުން އެކީ އެއްތާ ވެގެން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން، ޖިސްމާނީ ގައިދުރުކަން އިސްކުރުމާއެކު ސާފު ތާހިރުކަމަށް ސަމާލުކަން ދީގެން ބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައި ވާ މަންކީޕޮކްސްގެ ކޭސްތަކަށް ބަލާއިރު، ގިނަ ކޭސްތައް ފެނިފައިވަނީ ޖިންސީ ސިއްހަތާ ބެހޭ ކުލިނިކުތަކުންނެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވުމަށް ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.