ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ދެން ދުނިޔެއަށް ސިހުން ގެނުވި އެއް ބަލިމަޑުކަމަކީ މަންކީޕޮކްސް އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިހާރު އެމެރިކާ އާއި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި މަންކީޕޮކްސް ކޭސްތައް އިތުރުވަމުން އަންނަ އިރު ޖަރުމަނުގެ 40 އަހަރުގެ ފިރިހެނަކަށް މި ބަލި ޖެހިގެން ދިމާވި ކަންކަމަކީ ހައިރާންވާ ކަހަލަ ކޭސްއެކެވެ.

ނިއުޔޯކް ޕޯސްޓްގައި ޝާއިއުކޮށްފައިވާ މި ލިޔުމުގައި ބުނެފައި ވަނީ އެމީހާ އެންމެ ފުރަމަ ޑޮކްޓަރަށް ދެއްކީ އޭނާގެ ނޭފަތު ކުރި ރަތްވެފައި ހަންގަޑު ތަަފާތު ގޮތަކަށް ހުރުމުން ކަމަށެވެ. އޭރު ޑޮކްޓަރުން ބަލާފައި ބުނީ އެއީ އަވީގައި ޖެހިގެން ރަތްވެފައި ހުރި ތަންތަން ކަމަށެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ނޭފަތުގައި ރަތްވެފައި ހުރި ތަންގަނޑު ވަނީ ކަޅު ކުލައަކަށް ބަދަލުވެފައެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއްގެ ފަހުން އޭނާގެ ހަށިގަނޑުގުން ފާރުކޮޅުތަކެއް ފެންނަން ފެށި ކަމަށާއި އެ ތަންތަނަށް ދޮސް އަރާފައި ހުރުމުން އަނެއްކާ ވެސް އޭނާ ޑޮކްޓަރަށް ދެއްކި ކަމަށް ވެއެވެ. މި ފާރުތައް އެންމެ ގިނައިން ފެނިފައި ވަނީ އޭނާގެ ކުރިމަތި ފަރާތާއި އޭނާގެ އަނގަ ކައިރިން ކަމަށް ވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.

އެހިސާބުން އެ މީހާ ވަނީ މޮންކީޕޮކްސް އަށް ޓެސްޓުކޮށް، ވައިރަސްއާ ދެކޮޅަށް އެންޓިވައިރަލް ދީފައެވެ. އަދި އޭނާ ވަނީ ފުރަތަމަ ފަހަރަށް ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކަށް ވެސް ޓެސްޓު ކޮށްފައެވެ. އޭގެ ނަތީޖާއިން އެމީހާއަށް ހުރީ އެޗްއައިވީ އާއި ސިޕިލަސް ޖެހިފައިކަން ވަނީ ކަށަވަރު ވެފައެވެ. އެ ބަލިތައް އޭނާގެ ހަށިގަނޑުގައި ހުންނަތާ ގިނަ ދުވަސްވެފައި ވުމުން ސިފިލިސް ވަނީ ގިނަ ގުނަވަންތަކަކަށް ފެތުރިފައެވެ. އަދި އެޗްއައިވީ އިންފެކްޝަން އެއިޑްސް އަށް ބަދަލުވެފައިވާ ކަމަށް ހެދި ޓެސްޓްތަކުން ވަނީ ދައްކާފައެވެ.

އޭނާއަށް ޖެހިފައިވާ މޮންކީޕޮކްސްގެ މައްސަލައަށް ބަލާއިރު، އެންޓިވައިރަލް ބޭސް ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ހަންގަނޑުގައި ހުރި ފާރުތައް ހިކިގެން ދާ ކަމަށާއި ނަމަވެސް، އޭނާގެ ނޭފަތުގައި ހުރި ފާރުކޮޅު ހުރި ދިމާލުން ދުޅަ ތިރިވުމުގެ އިތުރުން މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ދިރާސާގެ ލިޔުންތެރިން ބުނާ ގޮތުގައި، އެޗްއައިވީގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލުމުގެ ސަބަބުން، ނެކްރޯސިސްއަށް ހުށަހެޅިފައި ވާތީ، ހަށިގަނޑުގެ ޓިޝޫތައް މަރުވުން ފަދަ ކަންކަން ވަނީ ކުރިމަތި ވެފައެވެ.

ޖަރުމަނުވިލާތުން ފެނުނު މިކޭސް އާއެކު މި ދިޔަ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 3186 މަންކީޕޮކްސް ކޭސް ރިޕޯޓްކޮށްފައިވާ އިރު، އިތުރު ކޭސްތައް ރިޕޯޓް ކުރަނީ ހަމައެކަނި އެމެރިކާ އާއި ސްޕެއިން އިންނެވެ. އެމެރިކާއިން މިހާތަނަށް 12689 ކޭސް އަދި ސްޕެއިން އިން 5719 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 38،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެއެވެ.