ށ. ނޫމަރާގައި މީގެ ހަ އަހަރު ކުރިން ވަޅިން ހަމަލަދީ އަމިއްލަ ދަރިފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި އައިމިނަތު ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފިއެވެ.

މީގެ ހަ އަހަރު ކުރިން، 11 ފެބްރުއަރީގައި ޝާހިދާ، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ފާތިމަތު ޝައިހާ ފަޔާޒު މަރާލާފައި ވަނީ ކަރުގެ ތިން ތަނަކަށާއި، ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް، އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލަދީގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ޝައިހާ މަރާލި ކަމަށް ރިޕޯޓުކުރީ ޝައިހާގެ ކާފައެވެ. އެ މައްސަލައިގައި ޝާހިދާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީވެ، 2016 ގައި ކްރިމިނަލް ކޯޓުން ޝަރީއަތް ފަށާފައިވަނީ ސިއްރުކޮށްގެންނެވެ.

ހަ އަހަރު ފަހުން ކުރި ހުކުމްގައި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ޝާހިދާގެ މައްޗަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަށް ބެލުމަށް ފަހު، އެނގިހުރެ މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ހުކުމަށް ފަހު، ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި ދެން އޮންނާނީ މި މަހު 31 ގައި ވާރިސުންގެ ބަސް ނެގުމެވެ. ނަމަވެސް ޝާހިދާ މަރާލާފައިވަނީ އަމިއްލަ ދަރިފުޅު ކަމުން، އޭނާގެ މައްޗަށް ގިޞާސެއް ނުހިފޭނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ އިސް ގާޒީ އަހްމަދު ޝަކީލެވެ.

ޝައިހާ މަރާލިއިރު ވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް، އެ މައްސަލައިގައި ފުލުހުން ކުރި ތަހްގީގުން ވަނީ ހާމަވެފައެވެ. ފުލުހުން އޭރު ބުނި ގޮތުގައި އޭރުވެސް ޝާހިދާ ދަނީ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދައި ފަރުވާ ކުރަމުންނެވެ.