"އިންޑިއާ އައުޓް" ހަރަކާތް ހިންގާ މައްސަލައިގައި ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކެފޭއެއްގައި އިންނަވަނިކޮށް، ކޯޓު އަމުރެއްގެ ދަށުންނެވެ. މިއީ އޭނާ ހައްޔަރުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިންވެސް އިންޑިއާ އައުޓް ހަރަކާތް ހިންގާތީވެ، އޭނާ އާއި އިދިކޮޅު ކޯލިޝަންގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް އިއްޔެ ކޯޓަށް މުއްދަތު ޖަހަން ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވެއެވެ.

މީޑިއާތަކަށް ދެއްވި މައުލޫމާތުގައި، އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މުހައްމަދު އިސްލާއީލް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި، ކޯޓުން މިގޮތަށް އަމުރު ކޮށްފައި ވަނީ އޭނާ ޖިނާއީ ކުށެއް ކުރި ކަމުގެ ހެކި ފުލުހުންނަށް ދެއްކިފައި ނެތުމުން ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، އެކި ސިފަ ސިފައިގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް މި ފަހުން ދަމާފައިވާއިރު، އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މަގުމައްޗަށް އުކާފައިވެއެވެ. އަދި ފާރުތަކުގައި ވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ކޮށްފައިވެއެވެ. އޭގެ އިތުރުން އިދިކޮޅުން ވަނީ މިދިޔަ ބުދަ ދުވަހުގެރެ އާއި ބުރާސްފަތި ދުވަހުގެރޭ މާލޭގައި އިހްތިޖާޖު ވެސް ކޮށްފައެވެ.

އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވެއެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައިވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ.

އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.