ރާއްޖޭގައި އުފެދޭ ކުނީގެ ތެރޭގައި ވަކި ބައިތަަކަށް ކުނިތައް ބަހާލައި އެ ކުނިތައް ވަކިން ބަންދުކޮށްފައި ނުބަހައްޓާ ނަމަ ކުންޏާ ހަވާލު ނުވާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ، އުކާލަން ނެރޭ ކުނި ވަކި ކުރުމުގައި ފުރަމާލެ ސަރަހައްދާއި އެހެނިހެން ސަރަހައްދުތަކުގައި އަމަލު ކުރަންޖެހޭ ގޮތަށް ސަމާލުވެ ކުނި ބަންދު ކުރުމަށެވެ. އަދި އެ ގޮތަށް ކުނި އުކާލަން ފަށާނީ އަންނަ ޖޫން މަހުން ފެށިގެން ކަމަށް ވެމްކޯއިން ބުނެއެވެ. އެ ގޮތުން ފުރަމާލެ ސަރަހައްދާއި ،މީހުން އުޅޭ ރަށްރަށާއި ސިނާއީ ރަށްރަށާއި ރިސޯޓްތަކުން ކުނި ވަކިކުރަން ޖެހޭ ގޮތުގެ ތަފްސީލް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ.
މާލެ ސަރަހައްދުގައި ކުނި ވަކިކޮށްފައި ބަންދު ކުރަން ޖެހޭނީ:
- ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- އަދި އެހެނިހެން ބާވަތްތަކުގެ ކުނި
ފުރަމާލެ ސަރަހައްދު ނޫން، މީހުން އުޅޭ ރަށްރަށާއި ސިނާއީ ރަށްރަށާއި ރިސޯޓްތަކުން ކުނި ވަކިކޮށްފައި ބަންދު ކުރަން ޖެހޭނީ:
- ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މައުދަނާއި ބިއްލޫރީގެ ބާވަތްތައް
- އަދި އެހެނިހެން ބާވަތްތަކުގެ ކުނި
މި ބާވަތްތަކުގެ ކުނި ބަންދު ކުރާ އިރު އެއް ކުނީގެ ބާވަތް އަނެއް ކުންޏާ އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން، ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް، ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާ އެއް ނުވާނޭހެން އުކާލުމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާ ކޮށްފައިވާ ގޭބިސީ، ވިޔަފާރި އަދި އަމިއްލައަށް ސައިޓަށް ގޮސް ކުނި އުކާލާ ފަރާތްތަކަށް ވެސް އަމަލު ކުރަމުން ދާނީ މި އުސޫލުގެ ދަށުން ކަމަށް ބުނެއެވެ. ހަމައެއާއެކު ފުރަމާލެ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގޮސް ކުނި އުކާލާ ފަރާތްތަކުން ވެސް ބަޔާންކޮށްފައިވާ ހަތަރު ބަޔަށް ކުނި ވަކިކޮށްގެން އުފުލުމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެ ދެއެވެ. ވެމްކޯއިން ބަޔާންކޮށްފައިވާ ބައިތަކަށް ކުނި ވަކިކޮށްފައި ނުވާ ނަމަ، އެކުނި ބަލައި ނުގަންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށާއި މި މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނެއުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އޯގަސްޓް މަހުގެ 17 ގައި ރާއްޖޭގެ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު (58-R/2013) ގެ 5 ވަނަ އިސްލާހުގައިވާ ގޮތުން އުކާލުމަށް ނެރޭ ކުނި ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ނިންމަފައިވާ ކަމަށެވެ. އެގޮތުން ކުނި މެނޭޖް ކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.